ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ކުޅިވަރު ސްޓޭޑިއަމެއް އަޅައިދޭނެ ކަމުގެ ޔަގީންކަން ގަތަރު ސަރުކާރުން ދީފިއެވެ.

ގަތަރުގެ އިންވެސްޓްމެންޓް އޮތީރިޓީގެ ސީއީއޯ، އަދި ޤަތަރުގެ ސުޕްރީމް ކައުންސިލް އޮފް އިކޮނޮމިކް އެފެއާސް އެންޑް އިންވެސްޓްމެންޓުގެ މެމްބަރު އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލް ޘާނީ މިއަދު ނައިބު ރައީސް އަބްދުﷲ ޖިހާދާ ބައްދަލު ކުރައްވައިފައި ވަނީ އެކަމުގެ ޔަގީންކަން އަރުވާފައެވެ.

އުރީދޫ މޯލްޑިވްސް ޕލކއިން މިރޭ ބޭއްވި ރަސްމިއްޔާތެއްގައި، ޤަތަރުގެ އުރީދޫ ގްރޫޕުގެ ޗެއާމަންކަން ވެސް ކުރައްވާ ޝައިޚް އަބްދުﷲ ވިދާޅުވީ، ޤަތަރުގެ އަމީރުގެ ހުއްދައާ އެކު ރާއްޖޭގެ ނައިބު ރައީސާ މިއަދު ބައްދަލުކުރައްވާފައިވާ ކަމަށާއި، ރާއްޖޭގައި ބައިނަލްއަގުވާމީ އަދި ޒަމާނީ، "ސްޓޭޓް އޮފް ދި އާޓް" ސްޓޭޑިއަމެއް ޤަތަރުން އަޅައިދޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.

ޔޫތު މިނިސްޓްރީން ބުނީ މައުލޫމާތު ލިބޭ ގޮތުގައި މިއީ ހުޅުމާލޭގައި އެޅުމަށް ރާވާފައިވާ ސްޓޭޑިއަމެވެ. ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު ނާޒިލް ވިދާޅުވި ގޮތުގައި އެ ސްޓޭޑިއަމަކީ ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމަށް ރައީސް ޔާމީން ގެންގުޅުއްވާ ސިޔާސަތަށް އެއްބާރުލުން ދެއްވުމަށް ގަތަރު ސަރުކާރުން ނިންމި ނިންމުމެކެވެ.

މިރޭގެ އުރީދޫ މޯލްޑިވްސް ޕލކއިން ބޭއްވި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސް ޕލކގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، ރާއްޖޭގައި ގަތަރު ސަރުކާރުގެ ފަރާތުން އަޅާ ސްޓޭޑިއަމްގެ ކަންކަން ހަމަޖެއްސުމުގައި، ރާއްޖެއިން ފުރިހަމަކުރަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަށް އެހީތެރިކަމަށް އޭނާގެ އަރިހުން އަބަދާއި އަބަދު އެދިވަޑައިގަންނަވަމުން ގެންދެވި ކަމަށެވެ.

"މިއީ ގަތަރު ސަރުކާރުގެ އެހީގައި ރާއްޖޭގެ ހުރިހާ އެންމެންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުން. ޝައިޚް އަބްދުﷲ ގެންދެވީ އަޅުގަނޑަށް މިކަމުގައި ޕްރެޝަރު ކުރައްވަމުން. އެމަނިކުފާނު ވިދާޅުވީ އަޅުގަނޑު ރާއްޖެއިން ފުރުމުގެ ކުރިން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ފުރިހަމަ ކޮށްދެއްވާން. އެމަނިކުފާނު އެދިވަޑައިގަތީ ސްޓޭޑިއަމްގެ ކަންކަން އަވަސް މުސްތަގުބަލެއްގައި ފެށިގެން ދިއުމަށް،" ވިކްރަމް ވިދާޅުވިއެވެ.

މިދިޔަ އަހަރު އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވެސް ގަތަރުގައި ފުޓްބޯޅަ ސްޓޭޑިއަމެއް އެޅުމަށް ނިންމި ވާހަކައެއް އިއުލާންކޮށްފައިވެ އެވެ. އެ ސްޓޭޑިއަމްގެ މަސައްކަތް މި އަހަރުގެ ފެބްރުއަރީ މަހު ނިމޭނެ ކަމަށް ޝަވީދު އޭރު ވިދާޅުވި ނަމަވެސް، ސްޓޭޑިއަމްގެ މަސައްކަތް ފެށި ކަމެއް ވެސް އެނގިފައެއް ނުވެ އެވެ.