08 Jun 2011, 15:52
ކުޑަކުދިންނަށް ނަމާދު ކުރަން ދަސްކޮށްދޭ ކޭމްޕެއް އަމިއްލަ ފަރާތަކުން ބާއްވައިފި އެވެ.
މޯލްޑިވްސް އިންސްޓިޓިއުޓް ފޯ ޓްރޭނިންގް އެންޑް ރިސާޗްގެ ފަރާތުން އިސްނަގައިގެން ހެންވޭރު ސްކޫލްގެ ކުރީގެ ބާ އިމާރާތުގައި މި މަހުގެ ފަސް ވަނަ ދުވަހު ފެށިގެން ކުރިއަށް ގެންދިޔަ އެ ކޭމްޕްގައި 80 ކުދިން ބައިވެރިވެފައިވެ އެވެ.
އެ ކޭމްޕްގައި ބައިވެރިވެފައި ވަނީ މޯލްޑިވްސް އިންސްޓިޓިއުޓް ފޯ ޓްރޭނިންގް އެންޑް ރިސާޗުގެ ފަރާތުން ހިންގާ މިސުރު ގުރުއާން ކްލާހުގެ ދަރިވަރުންގެ އިތުރުން އެހެން ސްކޫލްތަކުގެ ދަރިވަރުން ކަމަށް އެ އިންސްޓިޓިއުޓުން ބުންޏެވެ.
އެ ކުދިންގެ އުމުރުފުރައަކީ ހަ އަހަރާއި 12 އަހަރާ ދެމެދުގެ ކުދިން ކަމަށް ވެސް އެ ފަރާތުން ބުންޏެވެ.
އެކޭމްޕް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި އެ އިންސްޓިޓިއުޓްގެ އޮފިޝަލް މަރިޔަމް ހަފްލާ މިއަދު ވިދާޅުވީ އެފަދަ ކޭމްޕެއް ހިންގުމުގެ ބޭނުމަކީ ވީހާ ވެސް ބޮޑަށް ކުޑަކުދިންގެ ހިތްތަކުގައި ނަމާދުކުރުމުގެ ޝައުގުވެރިކަން އިތުރުކޮށް، ނަމާދު ކުރާނެ ގޮތް ދަސްކޮށްދިނުން ކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް ތަފާތު ހަރަކާތްތަކުގައި ކުދިން ބައިވެރިވުމަށް ފަހު މެންދުރު ނަމާދާއި އަސުރު ނަމާދު ޖަމާއަތުގައިކޮށްފައިވާ ކަމަށާއި އެ ކޭމްޕްގެ ބައިވެރިންނަށް ޖަމާއަތުގައި ނަމާދުކުރާނެ ގޮތާއި ނަމާދާ ބެހޭ ވަރަށް ގިނަ އެއްޗެހިތަކެއް އުނގަންނައިދެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކޭމްޕް ކުރިއަށް ގެންދިޔައީ އެކިއެކި އެކްޓިވިޓީޒްތަކުގެ މައްޗަށް ބަހާލައިގެން. އެގޮތުން ނަމާދުގައި ކިޔާއެއްޗެހި ހިމަނައިގެން އެކަންތައްތައް ކުރިއަށް ގެންދަނީ." ހަފްލާ ވިދާޅުވި އެވެ.
ނަމާދު ކޭމްޕް ނިންމުގެ ޖަލްސާ މިއަދު ހެންވޭރު ސްކޫލްގައި ބޭއްވުމަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި ކޭމްޕްގެ ބައިވެރިންނަށް ހަދާނީ ލިޔުން އެ ޖަލްސާގައި ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކްލާހުން ބުންޏެވެ.