19:00


ލޯކަލް ކައުންސިލް އިންތިޚާބާ ބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ ގިނަ ރައްޔިތުންތަކަކަށް ޤާނޫނޫ އަސާސީން ކަށަވަރުކޮށްދޭ ހައްޤެއް ގެއްލިގެންދާ ފަދަ ގޮތަކަށް ކަމަށް ބުނެ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސަމާލު ކަމަށް އެކަން ގެނެސް ސިޓީއެއް ފޮނުވައިފި އެވެ.


އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރ ރީކޯ މޫސާ މަނިކު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް މިއަދު ފޮނުއްވާފައިވާ އެ ސިޓީގައި ބުނެފައިވަނީ ޤާނޫނު އަސާސީގެ 26 ވަނަ މާއްދާގެ ހ ގައި ޤާނޫނު އަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހިނދަކު އުމުރުން އަށާރަ އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ އިންތިހާބް ތަކުގައްޔާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ތަކުގައި ވޯޓް ދިނުމުގެ ހައްޤު ލިބިގެންވާ ކަމަށެވެ. އަދި އެފަދަ ވޯޓްތަކަކީ ސިއްރު ވޯޓުތަކަކަށް ވާންވާނެ ކަމަށް ބަޔާންކުރެވިފައިވީ ހިނދު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަސްދީގުކުރެއްވުމަށްޓަކައި މިހާރު ފޮނުއްވާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބްގެ ބިލްގެ ހަތަރު ވަނަ މާއްދާގެ ދަށުން ބާއްވާ ކައުންސިލްތަކުގެ އިންތިހާބްތައް ބާއްވަނީ ހަމައެކަނި އެ ކައުންސިލަކަށް މެންބަރުން އިންތިހާބް ކުރުމަށް ވޯޓުލާ ދާއިރާއެއްގައި ކަމަށް ބަޔާންކޮށްފައި އޮތުމުން، ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ވޯޓް ލުމުގެ ހައްޤު ގެއްލިގެންދާ ކަމަށް ދެކެވަޑައިގެންނަވާ ކަމަށްވެސް އެސިޓީގައިވެ އެވެ.


އަތޮޅު ތަކުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދިރިއުޅެމުންގެންދަނީ މާލެއާއި އަދި އެކިއެކި ރިސޯޓްތަކާއި ތަފާތު ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ކަމަށްވާއިރު ލޯކަލް ކައުންސިލްތަކުގެ އިންތިހާބްގެ ބިލުގެ ހަތަރު ވަނަ މާއްދާގައި ވާގޮތުން ވޯޓުގައި ބައިވެރިވުމުގެ ހައްޤު އެފަދަ މީސްމީހުންނަށް ގެއްލިގެންދާ ކަމަށް ވެސް މަޖިލީހުގެ ރައީސަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް ފޮނުއްވާފައިވާ އެ ސިޓީގައިވެ އެވެ.