ހދ. ކުޅުދުއްފުށީ ޕޯޓްގައި މަސައްކަތްކުރާ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)ގެ އެންމެ މުއައްޒިފެއް ފިޔަވާ އެހެން ހުރިހާ މުވައްޒިފުން މަސައްކަތް ހުއްޓާލުމާއެކު މާލެއިން އެރަށަށް މުވައްޒިފުން ފޮނުވުމަށް ނިންމައިފިއެވެ.

ކުޅުދުއްފުށީ ޕޯޓުގައި މަސައްކަތް ކުރާ އެމްޕީއެލްގެ 47 މުވައްޒިފުން ސޮއިކޮށް މިއަދު ވަނީ މުސާރަ ބޮޑުކޮށްދިނުމަށް އެދި ޕެޓިޝަނެއް ހުށައަޅާފައެވެ. އެއާއެކު މަސައްކަތް ހުއްޓާލުމަށްފަހު 46 މުވައްޒިފުން ވަނީ ގެއަށްގޮސްފައެވެ. މިހާރު އެޕޯޓުގެ މަސައްކަތް އޮތީ ހުއްޓިފައެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމު ޖުނައިދު މިރޭ ސަން އަށް ވިދާޅުވީ ކުޅުދުއްފުށީ ޕޯޓުގައި މަސައްކަތް ކުރަމުން އައި ކޮންމެ މަގާމަކަށް މީހަކު މާދަމާ އެރަށަށް ފޮނުވާވައި ހިދުމަތްދޭން ފަށާނެ ކަމަށެވެ.

"އައިޓީ މީހުންވެސް އަދި ފޯކްލިފްޓު ދުއްވަންވެސް، ކުލިއަރެންސް އަށް ތަމްރީނު ލިބިފައިވާ މީހުން މާލެއިން ފޮނުވާނަން، ޖުމުލަ 50 މުވައްޒިފުން ގޮސް ހިދުމަތްދޭން ފަށާނެ،" ޖުނައިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުޅުދުއްފުށީ ޕޯޓަކީ ގެއްލުމުގައި ހިންގާ ތަނަކަށް ވާއިރުވެސް މުވައްޒިފުންނަށް އެކަށީގެންވާ މުސާރައެއްދޭ ކަމަށެވެ. މަސައްކަތް ހުއްޓާލުމަށްފަހު ދިޔަ މުއައްޒިފުންގެ ބަދަލުގައި އެހެން މުވައްޒިފުން ވަޒީފާތަކަށް ނަގާނެ ކަމަށްވެސް ޖުނައިދު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ޕޯޓުން އެމްޕީއެލްއަށް ގެއްލުން ލިބެމުންދާތީ އެކަން ފޫބެއްދުމަށް 22 ރޫމުގެ ގެސްޓްހައުސްއެއް ކުޅުދުއްފުށީގައި އަޅައި އެތަން ހުޅުވުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.