13 Oct 2016, 20:11
ޕީޕީއެމްގެ ދަފްތަރުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ނަން އޮންނާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ ޕީޕީއެމްއިން ވަކިކުރުމަށް އެޕާޓީގެ ސުލޫކީ ކޮމެޓީން ނިންމި ނަމަވެސް ޕީޕީއެމްއިން ވަނީ އެކަން ބަލައިނުގަންނަކަން އެ ކޮމެޓީ އަށް އަންގާފައެވެ. އެއާއެކު ޕީޕީއެމްގެ 20 މެމްބަރަކު އިލެކްޝަން ކޮމިޝަންއަށް ހުށައެޅި މައްސަލަ ބަލައި ނިންމުމަށްފަހު މިއަދު އިލެކްޝަން ކޮމިޝަންއިން ވަނީ ޕީޕީއެމްގެ ދަފްތަރުން ފާރިސްގެ ނަން އުނިކޮށްފައެވެ.
އެކަމާ ގުޅިގެން ޕީޕީއެމްއިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ފާރިސް މައުމޫން ޕީޕީއެމްގެ ދަފްތަރުން ވަކިކުރީ އިލެކްޝަންސް ކޮމިޝަނަށް ޕީޕީއެމްގެ ރަޖިސްޓްރާއިން އަންގައިގެން ނޫން ކަމަށެވެ. އެހެންކަމުން ޕީޕީއެމްގެ ދަފްތަރުގައި ފާރިސްގެ ނަން އަދިވެސް އެބައޮތް ކަމަށް ޓުވީޓްގައި ބުނެފައިވެއެވެ.
ފާރިސް އެޕާޓީން ވަކިކުރަން ސުކޫކީ ކޮމެޓީން ނިންމީ ރައީސް މައުމޫން އާއި ރައީސް އަބްދުﷲ ޔާމީންއާއި ދޭތެރޭ ސިޔާސީ ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ސުލޫކީ ކޮމެޓީގެ މެޖޯރިޓީ އޮންނަނީ ރައީސް ޔާމީނަށެވެ.