ސިޔާސީ ޕާޓީތަކަށް ދޫކުރަން ގާނޫނުން ކަނޑައަޅާފައިވާ ފައިސާ ދޫނުކުރާތީ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް ހިމެނޭގޮތަށް ފަސް ޕާޓީއަކުން އެކަން ކުށްވެރިކޮށް އެފައިސާ ދޫކުރަން ގޮވާލައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 35 ވަނަ މާއްދާގައި ބުނަނީ ކޮންމެ އަހަރެއްގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް އިލެކްޝަން ކޮމިޝަނުން ފައިސާ ދޫކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފައެއްނުވެއެވެ.

ފައިސާ ދޫނުކުރާ ސަބަބާ ގުޅިގެން އިލެކްޝަނަސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ބައެއް ޕާޓީތަކުން ގާނޫނާ ގަވާއިދާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށެވެ. އެހެންކަމުން އެކަންކަން އިސްލާހު ކުރަންދެން ވަކި މުއްދަތެއް ނެތް ގޮތަށް ޕާޓީތަކަށް ފައިސާ ދިނުން އިލެކްޝަންސް ކޮމިޝަނުން ވަނީ ފަސްކޮށްފައެވެ.

ފަސް ޕާޓީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމް ޑެޕިއުޓީ ސެކްޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ ޕާޓީތަކަށް ދޫކުރަންޖެހޭ ފައިސާ ދޫނުކޮށް އިލެކްޝަންސް ކޮމިޝަނަށް ހިފެހެއްޓޭނެ ސަބަބެއް އޮތްކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ސިޔާސީ ޕާޓީތަކުން އިލެކްޝަން ކޮމިޝަނަށް ހުށަހަޅަންޖެހޭ ލިޔުންތައް ހުށައަޅާފައިވާއިރު ފައިސާ ބޭނުން ކުރުމުގައި މައްސަލައެއް އުޅޭކަން ފާހަގަ ނުކުރެވޭ ކަމަށާއި އެގޮތަށް ފައިސާ ނުދީ ނުހިފެހެއްޓޭނެ ކަމަށް އަލީމް ވިދާޅުވިއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ޕާޓީތައް ހިންގުމަށް ބޮޑު ހަރަދުތައް ކުރަންޖެހުމާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އޮއްވައި ފައިސާ ދޫނުކުރުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހޭ ފައިސާ ވީހާވެސް އަވަހަށް ސިޔާސީ ޕާޓީތަކަށް ދޫކުމަށް އެމްޑީޕީގެ ފަރާތުން އޭނާ ގޮވާލިއެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ތަފާތު އެކި ފަހަރު މަތިން ގާނޫނާއި ގަވައިދާ ހިލާފަށް އަމަލު ކުރަމުން އަންނަ ކަމަށެވެ. އިލެކްޝަން ކޮމިޝަންގެ މިނިވަންކަން ނެތް ކަމަށާއި އެޕާޓީގެ ނިންމުންތަކަކީ ސިޔާސީ ނިންމުންތަކެއް ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ސިޔާސީ ޕާޓީތައް ހިންގުމަށް ބޭނުން ނުވާ ކަމަށާއި އެކޮމިޝަންގެ މަގުސަދަކީ ސިޔާސީ ޕާޓީތައް ހުއްޓުވުން ކަމަށެވެ.

ޑީއާރްޕީގެ ވަގުތީ ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ މިނިވަން ކަމާއިމެދު ޝައްކުކުރެވޭ ކަމަށެވެ. ޕާޓީތަކުގެ ކަންބޮޑުވުމަކީ އިލެކްޝަން ކޮމިޝަނުން ގާނޫނާއި ގަވައިދާ އެއްގޮތަށް އަމަލު ނުކުރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޕާޓީތަކުގެ ތުހުމަތުތަކާ ގުޅޭގޮތުން އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ސަން އަށް ވިދާޅުވީ އެކޮމިޝަނަށް ސިޔާސީ ނުފޫޒެއް ނެތް ކަމަށާއި އެކޮމިޝަންގެ ނިންމުންތައް ނިންމަނީ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ.

އިލެކްޝަނުން ފޮނުވި ސިޓީގައި، ބައެއް ސިޔާސީ ޕާޓީތަކުން ޕާޓީގެ އިސް މަގާމުގައި ހުންނަ ޖެހޭ ފަރާތެއް ނެތި ގިނަ ދުވަސްތަކެއް ވެފައިވާއިރުވެސް އެމަގާމަށް ބޭފުޅަކު އައްޔަން ކޮށްފައި ނުވާކަން ފާހަގަކޮށްފައި ވެއެވެ.

އެހެންވުމުގެ ސަބަބުން ޕާޓީތަކުން ފައިސާ ހަރަދު ކުރާގޮތް އިސްވެ ބަލާނެ ފަރާތެއް ނެތި އެކަންކަމުގެ ޝަކުވާ ޕާޓީގެ އަމިއްލަ މެމްބަރުން ކުރަމުންދާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.