13 Oct 2016, 18:55
ކޮމަންވެލްތު ގޭމްސްގެ އެއްވަސް ކުޅިވަރެއްގައި ރާއްޖެއިން ދެން ބައިވެރިއެއް ނުވާނެ އެވެ.
ކޮމަންވެލްތުން ވަކިވުމަށް ރާއްޖެއިން މިއަދު ނިންމުމާ ގުޅިގެން ކޮމަންވެލްތު ގޭމްސް ވެސް ރާއްޖެ އަށް ގެއްލޭނެ އެވެ.
ކޮމަންވެލްތުން ރާއްޖެ ވަކިވާން ނިންމިކަން އަންގައި، ދިވެހި ސަރުކާރުން މިއަދު ވަނީ ބަޔާން އިއްވައިފަ އެވެ. އެ ބަޔާނުގައި ސަރުކާރުން ބުނެފައިވަނީ ކޮމަންވެލްތުން ވަކިވުމަށް ނިންމި ނިންމުމަކީ ދަތި، އުނދަގޫ ނިންމުމެއް ކަމަށާއި އެހެން ނަމަވެސް އެ ނިންމުން ނިންމީ ގައުމުގެ ސިޔާދަތު ހިމާޔަތް ކުރުމަށް ކަމަށެވެ.
ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ އެތުލީޓުން ގިނަ ކުރިއެރުންތަކެއް ހޯދާފައިވެ އެވެ. އެންމެ ފަހުން 2014 ވަނަ އަހަރު ސްކޮޓްލެންޑްގެ ގްލާސްގޯގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ވެސް ރާއްޖޭގެ އެތުލީޓުން ކުރިއެރުންތަކެއް ހޯދާފައިވެ އެވެ.
އެ ފަހަރުގެ ގޭމްސްގައި ރާއްޖެ އިން ތަފާތު ފަސް ކުޅިވަރެއްގައި 51 އެތުލީޓުން ބައިވެރިވެފައިވެ އެވެ. އެއީ އެ ގޭމްސްގެ ތާރީހުގައި ރާއްޖޭގެ އެންމެ ގިނަ އެތުލީޓުން ބައިވެރިވި ފަހަރެވެ.