އާއްމުކޮށް ހުރިހާ އިންސާނީ ހައްގެއް ލިބިގަތުމުގެ ވަސީލަތެއްގެ ގޮތުގައި އިންޓަނެޓް ބޭނުންކުރެވޭނެ ކަމަށާއި އިންޓަނެޓް ބޭނުންކޮށްގެން ފަތުރާ މައުލޫމާތުގެ ތެރެއިން ހުއްޓުވަން ވާނީ ވަރަށް މަދު މައުލޫމާތެއް ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ބުނެފި އެވެ.

މިހެން ބުނެފައި ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހިމާޔަތްކޮށް، ކުރިއަރުވުމަށް އެކައުންސިލުން ކަނޑައަޅާފައި ހުންނަވާ ހާއްސަ ރެޕޯޓިއާ ފްރޭންކް ލާ ރިއު އެކައުންސިލަށް ހުށައެޅުއްވި ރިޕޯޓެއްގަ އެވެ.
ފްރޭންކްގެ ރިޕޯޓްގައި އިންޓަރެޓްގެ ހިދުމަތް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮތް ހާލަތު ދިރާސާ ކުރައްވައި ލިބިވަޑައިގެންފައިވާ މައުލޫމާތު ހިމެނުއްވުމަށް ފަހު ވިދާޅުވެފައިވެ އެވެ.

ދުނިޔޭގެ ގައުމުތަކުގެ ސަރުކާރުތަކުން އެ ގައުމުތަކުގެ ރައްޔިތުން އިންޓަނެޓްގައި އާއްމުކުރާ މައުލޫމާތު ސެންސަރުކުރުމަށް ޓަކައި ޒަމާނީ ވަސީލަތްތައް ބޭނުން ކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް ފްރޭންކް ވިދާޅުވި އެވެ.

"ހިޔާލުފާޅުކުރުމާއި މައުލޫމާތު ލިބިގަތުމުގެ އެހެން ހުރިހާ ވަސީލަތަކާ ހިލާފަށް އިންޓަނެޓަކީ ގައުމުތަކުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް، ހުރިހާ ބާވަތެއްގެ މައުލޫމާތު ހޯދައި ލިބިގަނެ އަދި ފެތުރުމަށް ބޭނުންކުރެވޭނެ އެންމެ އަގުހެޔޮ ވަސީލަތެވެ. އެއީ މީހުންނަށް ލިބިފައިވާ މައުލޫމާތު ހޯދުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ކުރުމުގެ ގާބިލުކަން އިތުރުކޮށްދޭ ވަސީލަތެކެވެ.
އިގުތިސާދީ ސިޔާސީ އަދި އިޖުތިމާއީ ކުރިއެރުމަށް އެހީތެރިކަމަކަށް ވާތީ އިންޓަނެޓް ވެފައި ވަނީ މުޅި އިންސާނިއްޔަތަށް ކުރިއެރުން ގެނެސްދޭ ވަސީލަތަކަށެވެ.
ސްޕެޝަލް ރެޕޯޓިއާ އެދެނީ އިންޓަނެޓް މެދުވެރިކޮށް ފޮނުވާ މައުލޫމާތު ހުއްޓުވާ ނަމަ ވީހާ ވެސް ކުޑަ މިންވަރަކަށް ނޫނީ އެކަން ނުކުރުމަށެވެ. އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ކަނޑައަޅާފައިވާ މަދު ހާލަތްތަކެއްގައި މެނުވީ" އެކަން ނުކުރުމަށެވެ.

ފްރޭންކްގެ ރިޕޯޓްގައި ފާހަގަކުރައްވާފައިވާ ގޮތުގައި ޓެކްނޮލޮޖީގެ އެހެނިހެން ވަސީލަތްތަކެކޭ އެއްފަދައިން އިންޓަނެޓަކީ ވެސް ނަހަމަ ގޮތުގައި ބޭނުންކުރެވިދާނެ ވަސީލަތެކެވެ.

އެހެންކަމުން އިންނަޓެގްގައި ޝާއިއުކުރާ ތަކެތީ ތިން ކަމަކަށް ބަލައިގެން މިންގަނޑަކަށް ފައްތަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުން އާއްމުކުރާ މައުލޫމާތަކީ ގާނޫނާ ހިލާފުނުވާ މައުލޫމާތެއްތޯ ބަލަން ޖެހޭނެ އެވެ.

ދެވަނަ ކަމަކީ ފަތުރާ މައުލޫމާތަކީ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ އދ.ގެ މުއާހަދާގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކުރިއެރުވުމަށް އަމާޒުކޮށްފައިވާ މައުލޫމާތަކަށް އެމައުލޫމާތު ވޭތޯ ބެލުމެވެ.
އަދި ތިން ވަނަ ކަމަކީ އާއްމުކުރާ މައުލޫމާތަކީ މީހުންނަށް ބޭނުން ހިފޭ މައުލޫމާތެއްތޯ ބެލުން ކަމަށް ވެސް ފްރޭންކް ވިދާޅުވި އެވެ.

މިކަންތައްތަކަށް ބަލައި އިންޓަނެޓްގައި އާއްމުކުރާ މައުލޫމާތެއް ނުވަތަ މައުލޫމާތަކުން ބައެއް ހިފަހައްޓާ ނަމަ އެކަން ކުރަން ވާނީ އެކަމަށް އުފައްދާފައިވާ ސިޔާސީ ވިސްނުމާއި ވިޔަފާރި ފަދަ ކަންތަތައްކުން އެއްކިބާވެގެންވާ މިނިވަން މުސްތަގިއްލު ފަރާތަކުން ކަމަށް އދ.ގެ ކައުންސިލުން ބުންޏެވެ.
ފްރޭންކް ލާ ރިއުގެ ރިޕޯޓްގައި އިންޓަނެޓްގައި އާއްމުކުރާ މައުލޫމާތުތައް ހިފެހެއްޓުމާ ބެހޭ ގޮތުން ފެނިވަޑައިގަންނަވާ އެތައް ކަމެއް ހިމަނުއްވާފައިވެ އެވެ.
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހިމާޔަތްކޮށް، ކުރިއަރުވުމަށް އެކައުންސިލުން ކަނޑައަޅާފައި ހުންނަވާ ހާއްސަ ރެޕޯޓިއާ އަކީ ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތު ބަލައި ދިރާސާކޮށް އެކައުންސިލަށް ހުށައެޅުމަށް ހުންނަވާ މިނިވަން މުސްތަގިއްލު މާހިރެކެވެ. އެއީ އދ.ގެ ހިއުމަންރައިޓްސް ކައުންސިލުން އައްޔަން ކުރާ އޮނަރަރީ މަގާމެކެވެ.
ދެހާސް އަށް ވަނަ އަހަރު އައްޔަން ކުރި ފްރޭންކް ލާ ރިއު އެކުލަވާލި މިރިޕޯޓް ވަނީ މި މަހުގެ ތިން ވަނަ ދުވަހު އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 17 ވަނަ ސެސަޝަނަށް ހުށައަޅައިފަ އެވެ.