13 Oct 2016, 17:14
ދުނިޔޭގައި މިއަދާ ހަމައަށް އެންމެ ގިނަ ދުވަހު ރަސްކަމުގައި ރެދަލިކުރައްވަމުން ގެންދެވި، ތައިލެންޑްގެ ރަސްގެފާނު ބޫމިޕޮން އަދުންޔަދޭ، އުމުރުފުޅުން 88 އަހަރުގައި މިއަދު އަވަހާރަވެއްޖެއެވެ.
ރަސްގެފާނު މިއަދު ހެނދުނުގެ ވަގުތެއްގައި އަވަހާރަވީކަން ތައިލެންޑުގެ ޝާހީ ގަނޑުވަރުން މިހާރު ވަނީ ކަށަވަރު ކޮށްދީފައެވެ.
ތައިލެންޑުގައި މިދިޔަ 70 އަހަރު ރަސްކަން ކުރެއްވި ރަސްގެފާނު ބޫމިޕޮން ރަސްކަމަށް ވަޑައިގަތީ 1946 ވަނަ އަހަރުގައެވެ.
ރަސްގެފާނު ބޫމިޕޮން ރަސްކަމަށް ވަޑައިގަތީ، އެމަނިކުފާނުގެ ކުރިން އެގައުމުގައި ރަސްކަން ކުރެއްވި، އެމަނިކުފާނުގެ ދޮށީ ބޭބޭފުޅު، ރަސްގެފާނު އާނަންދާ މަހިދޮލް އަވަހާރަވެވަޑައިގަތުމުން، އުމުރުފުޅުން އެންމެ 18 އަހަރުގައެވެ. ބޫމިޕޮންއަކީ ތައިލެންޑްގެ ޝާހީ އާއިލާ، ޗަކްރީ ދަރިކޮޅުގެ ނުވަވަނަ ރަސްގެފާނު ނުވަތަ "ރާމާ 9" އެވެ.
ދެހާސް ހަވަނަ އަހަރުން ފެށިގެން ސިއްހީ ހާލުކޮޅު ދެރަވާން ފެށުމުގެ ސަބަބުން، އޭރުން ފަށައިގެން ގިނަ ވަގުތު، ރަސްގެފާނު ހޭދަކުރައްވާފައިވަނީ ބެންގްކޮކްގެ ސިރީރާޖް ހޮސްޕިޓަލުގައެވެ.
ރަސްގެފާނުގެ ސިއްހީ ހާލުކޮޅު ދަށްވެ، ލޭގެ އިންފެކްޝަނަކާއި އެހެނިހެން މައްސަލަތަކެއް ދިމަވެ، މި ހަފްތާގައި އެރަސްގެފާނު ވަނީ ވެންޓިލޭޓަރަށް ލާފައެވެ.
ރަސްގެފާނު ބޫމިޕޮންއަކީ ތައިލެންޑްގެ ހުރިހާ ރައްޔިތުންގެ ވެސް އިހްތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ ރަސްކަލެކެވެ.
އެހެން ނަމަވެސް، ރަސްގެފާނަށް ފާޑު ކިޔައި، ބޭއިހްތިރާމު އަދާކުރާ ފަރާތްތަކަށް އަދަބު ދިނުމަށް އެގައުމުގައި ހަދާފައި ހުންނަ ހަރުކަށި ގާނޫނުތަކާ ހެދި، ބޭރު ދުނިޔެއިން އަބަދާއި އަބަދު ދަނީ ތައިލެންޑަށާއި ރަސްގެފާނު ބޫމިޕޮންއަށް ފާޑު ކިޔަމުންނެވެ. ކަން މިހެން އޮތް ނަމަވެސް، ރަސްގެފާނު ވަނީ، އެމަނިކުފާނަށް ވެސް ކުށް ކުރެވޭނެ ކަމަށާއި، އެމަނިކުފާނަށް ފާޑު ކިޔައި ވާހަކަ ދެއްކުމަކީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފައެވެ.
ރަސްގެފާނު ބޫމިޕޮން އަވަހާރަވި އިރު، އަނބިކަނބަލުން ރާނީ ސިރިކިޓް، ތިން ދަރިކަނބަލުން އަދި ދަރިކަލަކު ދުނިޔޭގައި އެބަ ހުންނެވިއެވެ.
ބޫމިޕޮން އަވަހާރަވެފައިވާ އިރު، ދެން ރަސްކަމަށް އިސްވާނެ ކަމަށް ބެލެވެނީ ބޫމިޕޮންގެ ދަރިކަލުން، ވަލީއަހުދު މަހާ ވަޖިރަލޮންކޯން އެވެ.