ޕީޕީއެމްގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް އެޕާޓީންކޮށްފައިވާ އިއުލާނަށް ތަބާނުވާން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން އިލްތިމާސްކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ އިތުރު ފުރުސަތު އެބޭފުޅުން ހޯދައިދޭނެ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެންގެ އާންމު މެމްބަރުންނަށާއި އިންތިޚާބުގައި ވާދަކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ މިހާރު ކަނޑައެޅިފައި އޮތް ޑެޑްލައިނަކީ ކޮންމެހެން އަމަލުކުރަންޖެހޭ އެއްޗެއް ނޫނޭ. ތިބޭފުޅުންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިބޭފުޅުންނަށް އިތުރު ފުރުސަތު ހޯދައިދޭނަމޭ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިހެން ބުނެފައިވާއިރު، ޕީޕީއެމުން ކޮށްފައިވާ އިއުލާނެއްގައި ވަނީ ކައުންސިލް އިންތިހާބުގައި އެޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރައްވާ ކޮންމެ ބޭފުޅެއްގެ އަތުން 150 ރުފިޔާގެ ފީއެއް ޕީޕީއެމްގެ އޮފީހުން ނަގަމުން އަންނަ ކަމަށާއި އެއީ ގަވާއިދާ ޚިލާފަށް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

"އަސާސީ ގަވާއިދަށް ބެއްލެވީމަ އެނގިވަޑައިގަންނަވާނެ މިފަދަ ކަންކަން ނިންމޭނީ ޕާޓީގެ ކައުންސިލްގަ މަޝްވަރާ ކުރުމަށްފަހު މާލީ ކަންކަމާ ބެހޭ ކޮމެޓީގެ މަޝްވަރާގެ މަތިން އުސޫލެއް ކަނޑައެޅިގެން،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކައުންސިލް އިންތިޚާބުގެ ކަންތައް ކުރިއަށްގެންދަނީ ޕާޓީގެ އިންތިޚާބު ކޮމެޓީ ބޭނުންކޮށްގެން ކަމަށާއި ނަމަވެސް އެ ކޮމެޓީ އަކީ ހަމައެކަނި ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގެ ކަންތައް ބެލެހެއްޓުމުގެ ބާރު އޮންނަ ކޮމެޓީއެއް ކަމަށެވެ.

ކައުންސިލް އިންތިޚާބުގެ ކަންތައް ކުރިއަށްގެންދާނެ ގޮތެއް ނިންމުމުގައި އިލެކްޝަންސް ކޮމިޝަންގެ މަޝްވަރާ ވެސް ހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕީޕީއެމް އާއި އެމްޑީއޭއާ އެކު މީގެކުރިން ވެފައިވާ އެއްބަސްވުމެއްގައިވާގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަންޖެހޭނީ ދެޕާޓީން ހަދާ ކޯލިޝަނެއްގެ ތެރެއިން ކަމަށެވެ.