ރާއްޖެގައި ރީބްރޯޑްކާސްޓިންގެ ހިދުމަތް ދެމުންދާ ގޮތާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދިރާގާއި ޕްލޭކާސްޓް ޕްރައިވެޓް ލިމިޓެޑާ ބައްދަލުކޮށްފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ދިރާގާއި ޕްލޭކާސްޓާ ޕްރައިވެޓް ލިމިޓެޑާ ބައްދަލުކޮށްފައި ވަނީ ރީބްރޯޑްކާސްޓު ކުރުމަށް ލައިސެންސް ދީފައިވާ ފަރާތްތަކުން އެހިދުމަތް ދެމުންދާ ގޮތާއި ހިދުމަތް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހޯދުމަށް ކޮމިޝަނުން ފަށާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިންނެވެ.

ދެކުންފުންޏާ ވަކިން ބައްދަލު ކުރައްވައި ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ވަނީ ރީބްރޯޑްކާސްޓިންގެ ހިދުމަތް ރާއްޖޭގައި ފުޅާ ކުރުމަށާއި، ވާދަވެރި މާހައުލެއް ގާއިމު ކުރުމަށް ކޮމިޝަނުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަން ފާހަގަ ކުރައްވާފަ އެވެ.

ރީބްރޯޑްކާސްޓިންގެ ފެންވަރު ރަނގަޅުކޮަށް، އަގުހެޔޮ ހިދުމަތެއް އާއްމުންނަށް ދިނުމަށާއި، ބްރޯކާސްޓިން ކޮމިޝަނުން އެސިނާއަތް ކުރިއެރުވުމަށް އެކަށައަޅާފައިވާ ސިޔާސަތާ އެއްގޮތަށް ހިދުމަތް ދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

ދިރާގާއި ޕްލޭސްކާޓުން ވަނީ ރީބްރޯޑްކާސްޓިންގެ ހިދުމަތް މިހާރު ދެމުންދާ ގޮތާއި، އެހިދުމަތް ފުޅާ ކުރުމަށާއި އެ ހިދުމަތާއެކު ތައާރަފު ކުރުމަށް ހަމަޖެހިފައިވާ އެހެނިހެން ކަންކަމާ ބެހޭ މައުލޫމާތު ބްރޯޑްކާސްޓިން ކޮމިޝަނާ ހިއްސާކޮށްފަ އެވެ.

އެ ބައްދަލުވުންތަކުގައި ކޮމިޝަންގެ ރައީސްގެ އިތުރުން، ކޮމިޝަނަރު ފާތިމަތު ޒައިނާ އާއި ކޮމިޝަނަރު ޒީނާ ޒާހިރާއި ކޮމިޝަނަރު ހަސަން ނަބާހު އާއި ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހު ބައިވެރިވެވަޑައިގެންނެވި އެވެ.