13 Oct 2016, 16:39
މާލޭގައި ހިނގާ އަލިފާނުގެ ހާދިސާތައް ކޮންޓްރޯލް ކުރުމަށް މަޖީދީމަގުގައި ފަޔާ ހައިޑްރަންޓް ސިސްޓަމް ތަކެއް ގާއިމް ކުރުމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާ ހަވާލުކޮށްފި އެވެ.
މިއަދު ކޯސްޓްގާޑް ބިލްޑިން ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ދެކުންފުންޏާ އެކު އެމްއެންޑީއެފް އިން ވަނީ އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި އެމްއެންޑީއެފްގެ ފަރާތުން ސޮއި ކުރެއްވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ސޮއިކޮށްފައިވާ އިރު، އެމްއާރުޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އަބްދުލް ރައްޒާގު ހަލީމެވެ.
އެމްއާރުޑީސީއާ ހަވާލުކޮށްފައިވަނީ މަޖީދީމަގު ކޮނެ، ހޮޅި ވަޅުލުމުގެ މަސައްކަތެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 798،180 ރުފިޔާ އަށެވެ. އަދި އެމްޑަބްލިއުއެސްސިއާ ހަވާލުކޮށްފައިވަނީ މަޖީދީމަގުގައި އެޅުމަށް ބޭނުންވާ ހޮޅި ފޯރުކޮށްދިނުމާއި ހޮޅިގުޅުވުމުގެ ވެލްޑިން މަސައްކަތުގެ އިތުރުން މަޖީދީމަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ފަޔާ ހައިޑްރަންޓް ސިސްޓަމްތައް ސަޕްލައިކޮށް އިންސްޓޯލް ކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ 3.9 މިލިއަން ރުފިޔާ އަށެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން މަޖީދީ މަގުގައި 12 ފަޔާ ހައިޑްރަންޓް ސިސްޓަމް ގާއިމް ކުރުމަށް ނިންމާފައިވާއިރު އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަދު ސޮއި ކޮށްފައިވަނީ ފުރަތަމަ ފިޔަވަހީގައި ކުރާ މަސައްކަތްތަކުގެ އެއްބަސްވުމުގައެވެ. އެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އަދި އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަޔާ އެންޑް ރެސްކިއު ގެ ކޮމާންޑިން އޮފިސަރު އަބްދުﷲ ޒުހުރީ ވިދާޅުވީ، މާލޭގައި އަލިފާނުގެ ހާދިސާތައް ގިނަވަމުންދާކަމަށާއި، އަލިފާން ނިއްވުމަށް ބޭނުންވާ ފެން ފަސޭހައިން ލިބެން ނުހުންނާތީ ހާދިސާތަކުގައި ލިބޭ ގެއްލުން ބޮޑުވެގެންދާ ކަމަށެވެ.

މަޖީދީމަގުގައި ފަޔާ ހައިޑްރަންޓް ސިސްޓަމް ތަކެއް ގާއިމް ކުރުމަށް އެމްޑަބްލިއުއެސްސީ އާއި އެމްއާރުޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު އަބްދުﷲ ޒުހުރީ ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
"މާލޭގައި ހިނގާފައިވާ ނުރައްކާތެރި ހާދިސާތަކުގައި އަލިފާން ނިއްވުމަށް ބޭނުންވާ ފެން ފަސޭހައިން ނުލިބުމުގެ ސަބަބުން މިފަދަ ހާދިސާތައް ބޮޑުވެ ކައިރި ގޭގެއަށް ނުރައްކާ ފޯރާ މީހުންގެ ގެދޮރަށް ވަރަށް ބޮޑު ގެއްލުންތަކެއްވެފަ ވޭ،" ޒުހުރީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަޔާ ހައިޑްރަންޓް ސިސްޓަމްތައް ގާއިމްކުރެވުމުން މަޖީދީމަގުގައި ހިނގާ އަލިފާނުގެ ހާދިސާތައް ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތްތަކަށް ލުޔެއް ލިބޭނެ ކަމަށާއި، އަލިފާނުގެ ހާދިސާ ތަކުން ލިބޭ ގެއްލުންތައް ކުޑަ ކުރެވިގެންދާނެ ކަމަށެވެ.