13 Oct 2016, 16:10
ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ތާއީދު ކުރަން ބޭނުންނުވާ މީހަކު ދުރުގައި ހުންނަވަންވީ ކަމަށާއި ޕާލަމެންޓްރީ ގްރޫޕާއި ކައުންސިލް އެކީގައި ގޮސް 2018ގައި ރައީސް ޔާމީން ވެރިކަމަށް ގެންނާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ، ރައީސް ޔާމީނާ އެކު ރިޔާސީ އިންތިޚާބަކަށް ވަޑައިގަންނަވަން ޕާލަމެންޓްރީ ގްރޫޕުން ޖެހިލުމެއް ނުވާ ކަމަށެވެ.
"އެމަނިކުފާނުގެ ފަހަތަށް އަރައިވަޑައިގަންނަވަން ބޭނުންފުޅުނުވާ ބޭފުޅަކު ދުރުގަ ހުންނަވާށޭ. އަޅުގަނޑުމެން މި ޕާލަމެންޓްރީ ގްރޫޕާއި ކައުންސިލާ އެކީގައި ގޮސް އިރާދަކުރެއްވިއްޔާ 2018ގައި ރައީސް ޔާމީން މިގައުމުގެ ވެރިކަމަށް އަޅުގަނޑުމެން ގެނެސްދޭނަން. އިނގޭތޯ. މިއީކީ އަޅުގަނޑުމެން ޝައްކު ކުރާ ކަމެއް ނޫން،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ގައުމުގެ ކުރިއެރުމާ ތަރައްގީއަށްޓަކައި ރައީސް ޔާމީން ރެއާ ދުވާލު ކުރައްވާ ބުރަ މަސައްކަތުގެ ސަބަބުން އެކި ކަންކޮޅުތަކުން ރައްޔިތުންގެ ތާއީދު އެމަނިކުފާނަށް އަންނަނީ ލިބެމުން ކަމަށެވެ.
އޭނާ ވިދާޅުވީ، ޕާޓީގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އަންނަ ބޭފުޅެއްގެ ވެރިކަން ދެމެހެއްޓުމަށްޓަކައި އެބޭފުޅަކަށް ޕާޓީގެ ހުރިހާ ގުނަވަނަކުން ދޭންޖެހޭ އެއްބާރުލުން ދިނުމަކީ ޕާޓީގެ މައިގަނޑު އެއް މަގުސަދު ކަމަށެވެ. ނަމަވެސް އެ އެއްބާރުލުން ނުލިބޭނަމަ ތަފާތު އެކި ތަންތަނުގައި އޮފީސް ހަދައިގެން މަސައްކަތް ކުރާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
"އެހެންވީމަ އެ އެއްބާރުލުން ނުލިބޭކަމަށް ވަންޏާ އެ އެއްބާރުލުން ހޯދުމަށްޓަކައި ރައީސް ޔާމީނާއި ރައީސް ޔާމީނަށް ހެޔޮއެދޭ ފަރާތްތަކުން ތަފާތު ތަންތާގައި އޮފީސްތައް ހަދައިގެން މަސައްކަތް ކުރުން އެއީ ކޮންމެ ބަޔަކު ވެސް ކުރާނެ ކަމެއް. ކޮންމެހެން ކުރަންޖެހޭނެ ކަމެއް. އެއީކީ އެއްވެސްގޮތަކަށް ޕާޓީގެ ކައުންސިލާ ދެކޮޅު ވަނީކީނޫން. ޕާޓީގެ ރައީސާ ދެކޮޅު ވަނީކީ ނޫން. އަދި ޕާޓީއާ ދެކޮޅު ވަނީކީ ވެސް ނޫން،" އަދުރޭ ވިދާޅުވިއެވެ.
ޕީޕީއެމްގެ ޓިކެޓުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ބޭފުޅަކު ކަނޑައެޅުމަށް ޕްރައިމަރީއެއް ބާއްވަން ނުޖެހޭ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ދައުރު ނިމިގެންދާއިރު ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓު ދެވިދާނެ ކަމަށް ޕާޓީގެ އަސާސީ ގަވާއިދުގައި އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.