08 Jun 2011, 14:39
ނ. މަނަދުއަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ މަނަދުއަށް ކުރައްވާ އެ ދަތުރުފުޅުގައި، ކައުންސިލްތައް އިންތިޚާބުކުރެވި ހިނގަން ފެށުމުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ދަށުގައި، ރަށްރަށުގައި ހުރި ދައުލަތުގެ މިލްކިއްޔާތާއި ބިންތައް، ރަށު ކައުންސިލްތަކާ ހަވާލުކުރެއްވުމުގެ ޕްރޮގްރާމް ފައްޓަވައިދެއްވާނެ ކަމަށެވެ.
އަދި ދައުލަތުގެ ބިންބިން، ކައުންސިލްތަކާ ހަވާލުކުރައްވަން ފެއްޓެވުމާ ގުޅިގެން، ބިންބިމާބެހޭ އެންމެހާ ކަންކަން ހަރުދަނާ އުސޫލަކުން ބެލެހެއްޓި، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކުރިއަށް ގެންދެވުމާ ބެހޭގޮތުން، ރަށު ކައުންސިލާއި، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކާ ދެމެދު، އެދަތުރުފުޅުގައި އެމަނިކުފާނު މަޝްވަރާ ބަދަލުކުރައްވާނެ އެވެ
ރައީސުލްޖުމްހޫރިއްޔާ މަނަދޫ އަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު މާދަމާ ވަޑައިގެންނަވާނީ އއ. އަތޮޅަށް ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.