13 Oct 2016, 17:10
މޮސްކޯ(އޮކްޓޯބަރ 13): އިރާގާއި ލީބިޔާގެ ވެރިކަމުގެ ނިޒާމު ގަދަބާރުން ބަދަލުކުރިގޮތަށް ސޫރިޔާގެ ވެރިކަން ބަދަލުކޮށްލުމުގެ ފުރުސަތު ނުދޭނެ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިން ވިދާޅުވެއްޖެއެވެ.
ފަރަންސޭސިވިލާތުގެ ޓީއެފްވަން ޓީވީ، ނެޓްވާކަށް ދެއްވި ބަސްދީގަތުމެއްގައި ޕޫޓިން ވިދާޅުވީ އެމެރިކާއާއި ހުޅަނގުން އިރާގާއި ލީބިޔާގެ ވެރިކަމުގެ ނިޒާމުތަކާކުޅެ އެދެގައުމަށް އަރައިގަނެ ވެރިކަން ވައްޓާލައި އެދެގައުމުގެ ޓެރަރިސްޓުންގެ ހާއްޔަކަށް ހެދިއިރު ރަޝިޔާ އަޅާނުލައި އޮތުމަކީ ހެދުނު ބޮޑު ގޯހެއްކަމަށާއި ދެން އެގޯސް ތަކުރާރު ވިޔަ ނުދެއްވާނެ ކަމުގައެވެ.
މެދުއިރުމަތީގައި މިހާރު އުފެދިގެން އުޅޭ ހުރިހާ މައްސަލަތަކެއްގެ އަސްލަކީ ގައުމުތަކަށް އަރައިގަނެ އެގައުމުތަކުގެ ވެރިކަމުގެ ނިޒާމުތައް ބަދަލުކުރުންފަދަ އެމެރިކާގެ ސައިޒާ ނުބައްދަލު ބޮޑެތި ކަންކަން އެމެރިކާ ކުރުމާ ގުޅިގެން ކުރިމަތިވި ނޭދެވޭ ނަތީޖާތަކާ ކުރިމަތިލުމުގެ ގާބިލްކަން އެމެރިކާގެ ކިބާގައި ނެތުމުގެ ސަބަބުން ކުރިމަތިވި ކަންކަން ކަމަށް މުހައްލިލުން ދެކެއެވެ.
އައިއެސް އިރާގުގައި އުފެދި ޓެރަރިޒަމްގެ ހާއްޔަކަށް އެގައުމު ބަދަލުވެގެންދިޔައީ އިރާގުގައި އޮތް ސައްދާމް ހުސައިންގެ ވެރިކަން އދ.ގެ އުސޫލުތަކާއި ޗާޓަރާ އަދި ބައިނަލްއަގްވާމީ ގާނޫނާ ޚިލާފަށް ވައްޓާލުމަށްފަހު އިރާގު ކޮންޓްރޯލް ކުރުމުގައި އެމެރިކާ ނާކާމިޔާބުވުމުން ކަމަށް އެމެރިކާގެ އަސްކަރީ ތަޖްރިބާކާރުންވެސް އެއްބަސްވެ ވަޑައިގަންނަވައެވެ.
ލީބިޔާގައިވެސް ދެ ސަރުކާރު އުފެދި އައިއެސްގެ ދެވަނަ ހާއްޔަކަށް އެގައުމުވެ ނާކާމިޔާބު ދައުލަތަކަށް ބަދަލުވެގެންދިޔައީ ގައްޒާފީގެ ސަރުކާރު ވައްޓާލުމަށް އެމެރިކާއާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް އެހީތެރިވުމާއެކު ގައްޒާފީގެ ސަރުކާރު ވައްޓާލުމުގެ ސަބަބުންނެވެ. ސޫރިޔާގައި ރަޝިޔާއިން ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ ކަމަށްބުނެ ހުޅަނގުން ކުރާ ތުހުމަތު ތަކާބެހޭގޮތުން ޕޫޓިން ވިދާޅުވީ އެއީ ސިޔާސި ބޭނުމެއްގައި ކުރާ ތުހުމަތު ތަކެއްކަމުގައެވެ. އަދި އެމެރިކާއިން ނުހިންގާ ހަނގުރާމައިގެ ޖަރީމާއެއް އެހެން ގައުމަކަށް ހިންގިދާނެތޯ ޕޫޓިން ސުވާލުކުރެއްވިއެވެ. ސޫރިޔާއަށް މިހާރު ކުރިމަތިވެފައިވާ ހުރިހާ ކަމެއް ކުރިމަތިވީ އެގައުމުގެ ވެރިކަން ބަދަލުކުރުމަށް އެމެރިކާއާއި އެމެރިކާގެ ބައިވެރިން ކުރި މަސައްކަތްތަކުގެ ސަބަބުން ކަމަށާ ސޫރިޔާއަށް ޓެރަރިސްޓް ޖަމާއަތްތައް ވެއްދީވެސް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ކަމަށް ޕޫޓިން ތުހުމަތު ކުރެއްވިއެވެ. މީގެއިތުރުން މިހާރު ސޫރިޔާގެ ރައްޔިތުން އުފުލަންޖެހިފައިވާ މުސީބާތްތަކުގެ ޒިންމާ އުފުލަންޖެހޭނީވެސް އެމެރިކާއާއި ހުޅަނގުންކަމަށް ޕޫޓިން ވިދާޅުވިއެވެ.
ޕޫޓިން މިމޭރުމުން ވާހަކަ ދައްކަވާފައިމިވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ތެރެއަށް ރަޝިޔާ ވަންނަމުންދާ ކަމުގެ ތުހުމަތު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ރަޝިޔާގެ މައްޗަށް ކުރައްވާ ދަނޑިވަޅެއްގައެވެ. ވިކިލީސްކްސް އިން ދާދިފަހުން ބޭޒާރުކޮށްލާފައިވާ އެމެރިކާގެ ސިއްރު ލިޔުންތަކެއްގައި އެމެރިކާއިން އައިއެސް އަށް އެހީތެރިވާކަން ހާމަވެފައިވެއެވެ.
އެމެރިކާއިންގެ ސިއްރު މި ލިޔުމަކީ އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރައްވާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހިލަރީ ކްލިންޓަން (އެމެރިކާގެ ޚާރިޖީ ވަޒީރަކަށް ހުންނެވިއިރު) އަމިއްލަ އީމެއިލް އަކުން އެމެރިކާގެ އެހެން މަސްއޫލުވެރިއަކަށް ފޮނުއްވާފައިވާ ލިޔުމެކެވެ. މި ލިޔުމުގެ ސަބަބުން ހިލަރީގެ ކޭންޕޭނަށް ވަނީ ހުރަސްތަކެއް އެޅިފައެވެ. ވިކިލީސްކްސް އިން ބޭޒާރުކޮށްލާ ލިޔުންތަކުގެ ފަހަތުގައިވަނީ ރަޝިޔާގެ ސައިބަރ އާމީ ކަމަށް އެމެރިކާ ތުހުމަތުކުރެއެވެ.
ރަޝިޔާގެ މަސްއޫލުވެރިއަކުވަނީ ޓްރަމްޕް ހޮވުމަށް އެމެރިކާގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ. ރަޝިޔާއިން އެމެރިކާގެ ވެރިކަމަށް ޓްރަމްޕް ގެންނަން ބޭނުންވަނީ އެމެރިކާ ހަލާކުކޮށްލުމުގެ ބޭނުމުގައި ކަމަށް އެމެރިކާގެ މަސްއޫލުވެރިން ދެކެވަޑައިގަންނަވައެވެ. ޓްރަމްޕް ވަނީ ރަޝިޔާގެ ރައީސް ޕޫޓިންއަށް ތާއީދުކުރައްވައި އެތަށްފަހަރަކު ވާހަކަ ދައްކަވާފައެވެ. (ނޫސްއެޖެންސީތައް)