ރާއްޖޭގައި ހަރަކާތްތެރިވާ ޓެލެކޮމް ކުންފުނި އުރީދޫ މޯލްޑިވްސް، ޕަބްލިކް ލިމިޓެޑް ކުންފުންޏެއްގެ ގޮތުގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓު ކޮށްފިއެވެ.

ކުވައިތުގެ އުރީދޫ ގްރޫޕުގެ ސަބްސިޑަރީ، އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކުންފުންޏެއްގެ ގޮތުގައި މިރޭ އިފްތިތާހު ކުރުމަށް ހަމަޖެހިފައިވާ އިރު، މިއަދު އެކުންފުނި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ފުރަތަމަ ބޯޑުގައި، ތައާރަފުވާ ކުންފުންޏެއްގެ ގޮތުގައި ވަނީ ލިސްޓު ކޮށްފައެވެ.

ތައާރަފުވާ ކުންފުނިތަކަކީ، ކުރިޔަށް އޮތް ތަނުގައު ހިއްސާ ވިއްކުމަށް އަމާޒު ކޮށްގެން ހިއްސާގެ ބާޒާރުގައި ލިސްޓުކުރާ ކުންފުނިތަކެވެ. އެ ކުންފުނިތަކުން ކުންފުނީގެ މާލީ ހާލަތާއި ވިޔަފާރިއާ ބެހޭ މައުލޫމާތު ހާމަ ކުރަމުން ގެންދާނެއެވެ.

އުރީދޫއިން އެކުންފުނީގެ ޕްރޮސްޕެކްޓަސް އަންނަ އަހަރު އާންމު ކުރަން ހަމަޖައްސާފައިވާ އިރު، ޕްރޮސްޕެކްޓަސް ހާމަކުރާތާ 14 ދުވަސް ތެރޭގައި ހިއްސާ ވިއްކަން ފަށަން ޖެހެއެވެ. މައުލޫމާތު ލިބޭ ގޮތުގައި، އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫއިން އެކުންފުނީގެ ހިއްސާ ވިއްކަން ފަށާނެއެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ ހަސަން މަނިކު ވިދާޅުވި ގޮތުގައި، ބައިނަލްއަގުވާމީ، ހައިބަތު ހުރި ބޮޑެތި ކުންފުނިތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބޮޑު ކުންފުންޏެއްގެ ސަބްސިޑަރީއެއް ރާއްޖޭގެ ހިއްސާގެ ބާޒާރެއްގައި ލިސްޓު ކުރުމަކީ ރާއްޖޭގެ ބާޒާރަށް ލިބޭ ޝަރަފެކެވެ.

"މިފަދަ ކުންފުނިތަކުގެ ސަބަބުން، މުސްތަޤުބަލުގައި އިތުރު ކުންފުނިތަކުގެ ޝައުޤުވެރިކަން ލިބިގެންދާނެ. ދިވެހި ރައްޔިތުންނަށް އުރީދޫ މޯލްޑިވްސްގެ ޙިއްޞާ ވިއްކަން ނިންމުން އެއީ، އިންވެސްޓްކުރަން ޝައުޤުވެރިކަން ހުރި ފަރާތްތަކަށްވެސް ވަރަށް އުފާވެރި ޚަބަރެއް،" އޭނާ ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކުންފުންޏެއްގެ ގޮތުގައި ރަސްމީކޮށް އިފްތިތާހުކުރުން އޮތީ މިރޭއެވެ.