13 Oct 2016, 15:56
އިއްޔެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)ގެ މައްޗަށް ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރަށް ކިޔަމަން ނުވާނެ ކަމަށް ދޭހަވާ ގޮތަށް، އިއްޔެ ބޭއްވި ނޫސް ކޮންފަރެންސެއްގައި އެކުންފުނީގެ ސީއީއޯ މުހައްމު ޖުނައިދު ވިދާޅުވެފައި ނުވާނެ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.
އެމްޕީއެލްއިން ނެރުނު ނޫސް ބަޔާނެއްގައިވާ ގޮތުން އެކުންފުނީގެ ތެޔޮ ސަޕްލައިކުރަން މެރީޑިއަމް ސާވިސް ޕްރައިވެޓް ލިމިޓެޑު ނޫން ބަޔަކަަށް ނުދިނުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރަށް ކިޔަމަން ނުވާނެ ކަމަށް ދޭހަވާ ގޮތަށް ޖުނައިދު ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވި ކަމަށް ބުނެ ބައެއް ފަރާތްތަކުން ހަބަރު ފަތުރާފައި ވަނީ ހަގީގަތާ ހިލާފަށެވެ.
އަދި ނޫސްވެރިޔާގެ ސުވާލަށް ޖަވާބު ދެއްވަމުން ޖުނައިދު ވިދާޅުވީ "އެމްޕީއެލްގެ މައްޗަށް ނެރެފައިވާ އަމުރު ދެމިއޮތްހާ ހިނދަކު އެ އަމުރަށް ފުރިހަމައަށް އިހްތިރާމް ކުރާނެ،" ކަމުގައި ކަމަށް ނޫސް ބަޔާނުގައިވެ އެވެ.
ސިވިލް ކޯޓުން އެމްޕީއެލްގެ މައްޗަށް ނެރުނު އަމުރުގައި ބުނެފައި ވަނީ މެރީޑިއަމް ސާވިސް އާއި ޕޯޓްސް ލިމިޓެޑާ އެކު 17 އޭޕްރީލް 2016ގައި އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އަދި އޭގައި ޕޯޓްސް ލިމިޓެޑްގެ ސައިޓްތަކުގައި ބޭނުންކުރާ ވެހިކަލް އަދި ވެސެލްސްތަކަށް ބޭނުންވާ ޑީސަލް ސަޕްލައިކޮށް ދިނުމާ ގުޅޭ ގޮތުން އެއްބަސްވެފައިވާކަން އެނގެން އޮންނަ ކަމަށް ސިވިލް ކޯޓުގެ އަމުރުގައިވެއެވެ.
ޕޯޓްސް ލިމިޓެޑަށް މެރީޑިއަމް ނޫން ތިންވަނަ ފަރާތަކުން ތެޔޮ ސަޕްލައި ކޮށްދެމުންދާނަމަ މެރީޑިއަމަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް އެކުންފުނިން ހުށަހަޅާފައިވާ މައްސަލާގައި ބަޔާންކޮށްފައިވާ ކަަމަށްވެސް އަމުރުގައިވެ އެވެ.
އެހެންކަމުން ޝަރީއަތުން ވަކިގޮތެއް އަންގަންދެން ޕޯޓްސްގެ ތެޔޮ ސަޕްލައިކުރަން ހަމައެކަނި މެރީޑިއަމަށް ދޭން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އެމްޕީއެލުން ވަނީ އިއްޔެ އެމައްސަލަ ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.