13 Oct 2016, 13:56
ކާރިސާތަކުގައި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މިދިޔަ އަހަރުން ފެށިގެން މިހާތަނަށް 24.8 މިލިޔަން ރުފިޔާ ދައުލަތުން ޚަރަދުކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ، ކާރިސާތަކުން ލިބޭ ގެއްލުން ނުވަތަ ކާރިސީ ހީރާސް ކުޑަކުރުމުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު އާދަމް ޝަރީފް އުމަރު ދެއްވި ޚިތާބެއްގައި، މިނިސްޓަރު ވިދާޅުވީ، އިންސާނުންގެ ފަރާތުން ކުރިމަތިވާ ކާރިސާތަކާއި ގުދުރަތީ ގޮތުން ދިމަވާ ކާރިސާތަކާ މެދު ގައުމީ ފެންވަރުގައި ވިސްނަން ޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރު އައްޑޫ ސިޓީގައި ހިނގި ފެންބޮޑުވުމުގެ ހާދިސާއަކީ، މީގެ ކުރިން ރާއްޖެއަށް ނުކުރާ ވަރަށް ބޯކޮށް ވިއްސާރަކުރުމުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށާއި، އެކަމުން އެނގެނީ ގުދުރަތީ ކާރިސާތަކުގެ ބާރު ގަދަވަމުން އަންނަކަން ކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް އަލިފާނުގެ ބޮޑު ތިން ހާދިސާއެއް ހިނގާފައިވާ ކަމަށާއި އެ ހާދިސާތަކުގައި ގިނަ އާއިލާތަކެއްގެ ގެދޮރާއި މުދަލަށް ގެއްލުން ލިބި، ބޯހިޔާވަހިކަން ގެއްލިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރުން ފެށިގެން މިއަދާ ހަމައަށް، ކާރިސާތަކުގައި ހާލުގައި ޖެހޭ މީހުންނަށް އެހީވުމަށް 24.8 މިލިޔަން ރުފިޔާ ދައުލަތުން ޚަރަދުކޮށްފައިވާ ކަމަށެވެ.
"ހާލުގައި ޖެހޭ މީހުންގެ ހާލު ބަލައި، އެމީހުންގެ އަސާސީ ބޭނުންތައް ފުއްދައިދޭ ހަރުދަނާ ނިޒާމެއް ވަނީ ގާއިމު ކޮށްފައި. 2015 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އެފަދަ ކަންކަމަށާއި، ގެދޮރު މަރާމާތު ކުރުމާއި ބޯހިޔާވަހިކަން ދިނުމަށް 24.8 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވޭ. އަދި ބީއެމްއެލްއިން މިހާރު ވަނީ ޑިޒާސްޓާ ރިލީފް ލޯނެއް ތައާރަފު ކޮށްފައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ކުރިމަގުގައި ވެސް ދާނީ ކާރިސާތަކުގައި ހާލުގައި ޖެހޭ ފަރާތްތަކުގެ ހާލު އަހުވާލު ބަލައި، އެމީހުންނަށް ފުރިހަމަ އޯގާތެރިކަމާއި އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ރަނގަޅު މުޖުތަމަޢެއް ބިނާކުރެވޭނީ ކާރިސާތަކަށް އިޖާބަދީ، ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދާ އިރު އެކަންކަމުގައި، ކާރިސާތަކުގެ ހީރާސް ކުޑަކުރުމުގެ އަސާސުތައް ވެސް ހިމަނައިގެން ކަމަށެވެ.