08 Jun 2011, 14:33
އެކައުންޓްގައި ފައިސާނެތި ޗެކް ދޫކުރުން މަނާކުރާ ބިލް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ތަސްދީގު ނުކުރައްވައި އަނބުރައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާލުމުން އެ ބިލް މަޖިލީހުން ބާތިލުކޮށްފި އެވެ.
އެކަންޓްގައި ފައިސާނެތި ޗެކް ދޫކުރުން މަނާކުރާ ބިލް މަޖިލީހަށް ރައީސް އަލުން ފޮނުއްވުމުން އެ ބިލް ބާތިލްކުރީ މަޖިލީހުގައި ނެގި ދެ ވޯޓްގެ ނަތީއްޖާ ނުކުތް ގޮތުންނެވެ. ބިލް އިތުރަށް ދިރާސާ ކުރުމަށް ކޮމެޓީއަކަށް ފޮނުވުމަށް ނެގި ވޯޓު ވެސް ފާހެއް ނުވި އެވެ. ހާޒިރުވި 57 މެންބަރުންގެ ތެރެއިން އެ ބިލް ކޮމެޓީއަށް ފޮނުވުމަށް 19 މެންބަރުން ވޯޓް ދެއްވިއިރު، 38 މެންބަރުން ވޯޓް ދެއްވާފައި ވަނީ އެ ބިލް ކޮމެޓީއަށް ފޮނުވުމަށް ނުފެންނަ ކަމަށެވެ.
ތަސްދީގު ނުކުރައްވައި އަލުން އަބުރާ މަޖިލީހަށް ރައީސް ފޮނުއްވި ބިލް އިތުރަށް އިސްލާހު ކުރުމަށް ކޮމެޓީއަށް ފޮނުވުމަށް ނުފެންނަ ކަމަށް މަޖިލީހުގެ ތަޅުމުން ނިންމައިފިނަމަ، ގާނޫނު އަސާސީގެ 98 މާއްދާގެ )ށ( ގައި ބުނަނީ އެ ބިލް އޮތް ގޮތަށް ތަސްތީގު ކުރުމަށް ވޯޓަށް އެހުމަށެވެ. އެކައުންޓްގައި ފައިސާނެތި ޗެކް ދޫކުރުން މަނާކުރާ ބިލް އިސްލާހަކާ ނުލައި ފާސްކުރުމަށް ވޯޓަށް އެހުމުން މިއަދުގެ ޖަލްސާގައި އެގޮތަށް ވެސް ފާހެއް ނުވި އެވެ.
ވޯޓްގައި ބައިވެރިވި 56 މެންބަރުންގެ ތެރެއިން 12 މެންބަރުން ވޯޓް ދެއްވާފައި ވަނީ އަދި ބިލް އޮތް ގޮތަށް ފާސްކުރުމަށެވެ. ފާސްނުކުރުމަށް 37 މެންބަރުން ވޯޓް ދެއްވި އިރު، ވަކިކޮޅަކަށް ނުޖެހި ވޯޓް ނުދެއްވާ ހަތް މެންބަރަކު ތިއްބެވި އެވެ.
ކޮމެޓީއަށް ފޮނުވުމަށާއި އެ ބިލް އޮތް ގޮތަށް އަލުން ފާސް ކުރުމަށް މަޖިލީހުން ނުނިންމުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބު ރައީސް އަހުމަދު ނާޒިމް އިއުލާން ކުރެއްވީ އެކައުންޓްގައި ފައިސާނެތި ޗެކް ދޫކުރުން މަނާކުރާ ބިލް ބާތިލްވީ ކަމަށެވެ.
މިދިޔަ މަހު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރެއްވުމަށް ރައީސް ނަޝީދަށް މަޖިލީހުން ފޮނުވި ބިލް ތަސްތީގު ނުކުރައްވައި މަޖިލީހަށް ފޮނުވާފައި ވަނީ ބަންޑާރަނައިބުގެ ލަފާގެ މަތިންނެވެ. ބިލް ފޮނުވައިލެއްވެވި އިރު އިތުރަށް އިސްލާހު ކުރުމަށް ބަންޑާރަނައިބު ރައީސަށް ލަފާދެއްވައިވާ ކަމަށާއި އެ ބިލް ތަސްތީގުކޮށް ގާނޫނަށްވެއްޖެނަމަ ގާނޫނީ މައްސަލަތަކެއް ނުކުންނާނެ ކަމަށް ރައީސް ނަޝީދު މަޖިލީހަށް ފޮނުވެވި ސިޓީގައި ވިދާޅުވެފައި އެވެ.