ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު (އެންޑީއެމްސީ) އިން ކާރިސާތަކަށް ތައްޔާރުވުމަށް ފަރުމާކޮށްފައިވާ ދެ ވަސީލަތެއް މިއަދު ތައާރަފް ކޮށްފި އެވެ.

މިއަދު ތައާރަފްކޮށްފައިވާ ދެ ވަސީލަތަކީ ލޯކަލް ކައުންސިލްތަކަށް ހާއްސަ ޑިޒާސްޓާ މެނޭޖްމެންޓް ރިސޯސްފައިލް "ކުރި" އަދި ދުރާލާ އިންޒާރުދޭ މެސެޖުތައް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ "ދަންދާނަ" ހިދުމަތެވެ.

އެ ދެ ހިދުމަތް ތައާރަފް ކުރުމަށް މިއަދުވަނީ ސްޓެލްކޯގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

އެގޮތުން ލޯކަލް ކައުންސިލްތަކަށް ތައްޔާރުކޮށްފައިވާ "ކުރި" ރިސޯސް ފައިލް އިފްތިތާހް ކޮށްދެއްވީ، ޔޫއެންޑީޕީގެ ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެސިޑެންޓް ރިޕްރެޒެންޓޭޓިވް ޝޮކޯ ނޯޑާ އެވެ. އަދި "ދަންދާނަ" ހިދުމަތް އިފްތިތާހް ކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.

ލޯކަލް ކައުންސިލްތަކުގެ ޑިސާސްޓާ މެނޭޖުމެންޓް ރިސޯސްފައިލް "ކުރި" ގައި އިމަޖެންސީ ހާލަތްތަކުގައި ގުޅާނެ ނަމްބަރުތަކާއި، ކާރިސާގެ ކަންކަން ރިޕޯޓު ކުރާނެ ފޯމުތަކުގެ އިތުރުން ރިލީފް ފޯރުކޮށްދޭނެ މިންގަނޑުތައް ހިމަނާފައިވެ އެވެ. އެންޑީއެމްސީ އިން ބުނީ އެ ރިސޯސް ފައިލް އަންނަ މަހުގެ ތެރޭގައި ހުރިހާ ލޯކަލް ކައުންސިލްތަކަށް ފޯރުކޮށްދޭނެ ކަމަށެވެ.

މިއަދު ތައާރަފް ކުރި "ދަންދާނަ" ހިދުމަތުން ދުރާލައި އިންޒާރުދެވޭ މެސެޖުތައް ގިނަބަޔަކަށް ފޯރުކޮށްދޭނެ ކަމަށް އެންޑީއެމްސީ އިން ބުނެ އެވެ. އެގޮތުން އެ ހިދުމަތް މެދުވެރިކޮށް އެއްފަހަރާ އީމެއިލް، އެސްއެމްއެސް އަދި އިންޓަނެޓް މެދުވެރިކޮށް އެލާޓު މެސެޖުތައް ފޮނުވުމުގެ ގާބިލްކަން ލިބިގެންވެ އެވެ.

އެ ހިދުމަތް ފަށާއިރު އެލާޓު މެސެޖު ފޮނުވުމަށް ހަމަޖެހިފައިވަނީ 500 ފޯކަލް ޕޮއިންޓުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ ސަރުކާރުގެ މިނިސްޓްރީތަކާއި، ސަރުކާރު ކުންފުނިތަކުގެ އިތުރުން ލޯކަލް ކައުންސިލްތައް އަދި މީޑިއާ ފަރާތްތަކެވެ.