13 Oct 2016, 12:27
ވޭތުވެދިޔަ ދިހަ އަހަރު މެދު ކެޑުމެއްނެތި މާލޭގައި ބާއްވަމުން އައި 'ދިރާގު މޯލްޑިވްސް ރޯޑް ރޭސް' މިއަހަރު ހުޅުމާލޭގައި ބާއްވަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފިއެވެ.
ރޯޑްރޭހާ ގުޅޭ ގޮތުން މައުލޫމަތު ދިނުމަށް މިއަދު ހެނދުނު ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖަރު މާކެޓިން އެންޑް ޕީއާރު މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ، އަންނަ ނޮވެމްބަރު 11 ވަނަ ދުވަހު ފަށާ ރޯޑް ރޭސްގައި ބައިވެރިވުމުގެ އެންމެ ފަހު ވަގުތަކީ ނޮވެމްބަރު އެއް ވަނަ ދުވަސް ކަމަށެވެ.
http://dmrr.mv/registration-form/
"އެހެން އަހަރުތަކޭ އެއްގޮތަށް މިއަހަރު ވެސް ބައިވެރިވުމުގެ ލިމެޓެއް އޮންނާނެ. އެންމެ ފުރަތަމަ ބައިވެރިވާ 3000 ދުވުންތެރިންނަށް ފުރުސަތު އޮންނާނީ. އެއަށް ފަހު ރެޖިސްޓްރީ ކުރާ ފަރާތްތަކަށް ޖެހިވަޑައިގަންނަވާނީ ވެއިޓިންގަ މަޑުކުރަން. ކެންސަލޭޝަނެއް އައިސްފި ނަމަ އެފަރާތްތަކަށް ފުރުސަތު ދެވޭނެ،" މިރުޝާނު ވިދާޅުވިއެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި މަގުބޫލް ރޯޑް ރޭސްގެ ގޮތުގައި ބެލެވިފައިވާ ދިރާގު ރޯޑް ރޭސް ކޮންމެ އަހަރަކު ވެސް ބާއްވަމުން ދަނީ މުޖުތަމައުގައި ހިނގާ ކޮންމެ ވެސް މައްސަލައަކަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުންނެވެ. އެ ގޮތުން މިއަހަރުގެ ޝިއާރަކީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމެވެ.
ރޯޑް ރޭހާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ދިރާގުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒް މޫސާ
އެހެން އަހަރު ތަކެކޭ އެއްގޮތަށް މިއަހަރުވެސް ރޯޑް ރޭސް ކުރިއަށް ގެންދާނީ ދެ ޑިސްޓެންސްއަކަށް ބަހާލައިގެންނެވެ. އެއީ 5 ކިލޯ މީޓަރު އަދި 10 ކިލޯ މީޓަރުގެ ބަޔެވެ.
ދެ ކެޓަގަރީގައި ވެސް އަންހެން އަދި ފިރިހެން ބައި އޮންނައިރު، 5 ކިލޯ މީޓަރުގައި 45 އަހަރުން މަތީގެ ދުވުންތެރިންނަށް ބައިވެރިވެވޭނެއެވެ. އަދި ހަމަ އެ ކެޓަގަރީގައި ސްކޫލުތަކުން ވެސް 13 އަހަރުން މައްޗާއި 13 އަހަރުން ދަށުގެ ބައި އޮންނާނެއެވެ.
ރޯޑް ރޭސްގައި ބައިވެރުމުގައި އޭޖް ލިމެޓެއް ކަނޑައަޅާފައިވާއިރު 5 ކިލޯ މީޓަރު ބައިގައި ބައިވެރިވެވޭނީ މިއަހަރުގެ ޖެނުއަރީ އެކެކަށް ހަތް އަހަރު ފުރި އެއަށް ވުރެން ދޮށީ ފަރާތްތަކަށެވެ. އަދި 10 ކިލޯ މީޓަރު ބައިގަ ބައިވެރިވެވޭނީ މިއަހަރުގެ ޖެނުއަރީ އެކަކަށް 16 އަހަރުފުރި އެއަށް ވުރެން ދޮށީ އުމުރުގެ ދުވުންތެރީންނަށެވެ.
މިރުޝާން ވިދާޅުވީ، ބައިނަލްއަގްވާމީ އިވެންޓެއްގެ ގޮތުގައި ބާއްވަމުން އަންނަ ދިރާގު ރޯޑު ރޭހަކީ 'އެއިމްސް' އަދި 'އައިޑަބަލްއޭއެފް'ގެ އެންޑޯސްމަންޓާ އެކު ކުރިއަށްދާ ދުވުމެއް ކަމަށެވެ.
މިފަހަރުގެ ރޯޑް ރޭސް ހުޅުމާލެއަށް ބަދަލުކޮށްފައި މިވަނީ ތަފާތު އެކި ސަބަބުތަކާއި ހުރެ މާލޭގައި ރޭސް ނުބޭއްވުމަށް ފުލުހުން ވެސް އެދިފައިވަނިކޮށެވެ. އަދި ހުޅުމާލޭގައި ބާއްވާ ރޭހުގައި ހުޅުމާލޭ ޑިވޮލެޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ދިރާގުން ފާހަގަކުރިއެވެ.