13 Oct 2016, 14:16
ވޮޝިންޓަން(އޮކްޓޯބަރު 13): އެމެރިކާ އާއި ޔޫރަޕުގެ ގައުމުތަކުގައި ހިޖުރަވެރީންނާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުންދާ ވަގުތެއްގައި އެމެރިކާއަށް ހިޖުރަކޮށްފައިވާ ހަ މީހަކު ނޮބެލް އިނާމު ހާސިލުކޮށްފި އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަމުން ގެންދަވާ ޑޮނަލްޑް ޓްރަމްޕް ވޯޓު ހޯއްދެވުމަށް ހިޖުރަވެރީންނާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކަވަމުން ގެންދަވާ އިރު، އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް ގިނަ ބަޔަކު ވޯޓި ދިނީ އީޔޫއިން ލާޒިމުކުރާ މިންވަރަށް ހިޖުރަވެރީން އެގައުމަށް ނުވެއްދުމުގެ މަގުސަދުގައެވެ.
ނަމަވެސް އެމެރިކާއަށް ނޮބެލް ކެމިސްޓްރީ އިނާމު ހޯދަ ދިން ސްކޮޓްލެންޑަށް އުފަން، ނަމަވެސް އެމެރިކާއަށް ހިޖުރަކުރި ސާ ޖޭ ފްރޭޒާ ސްޓޮޑާޓް ވިދާޅުވި ގޮތުގައި އޭނާ ގަބޫލު ކުރައްވާ ގޮތުގައި "އެމެރިކާ މިއަދު ގޮސްފައިވާ ހިސާބަށް އެގައުމު ގޮސްފައިވާ މައިގަނޑު ސަބަބަކީ އެމެރިކާގެ ބޯޑަރުތައް ހުޅުވާފައި ހުރުމެވެ."
އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގެ ސައިންޓިފިކް އެސްޓާބްލިޝްމެންޓް ވަރުގަދަކޮށް އޮންނާނީ އެމެރިކާއިން ހިޖުރަކުރުމާ ދެކޮޅު ނުވާ ނަމައެވެ. އަދި 'މެދުއިރުމަތި ހިމެނޭ ގޮތަށް، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން އަންނަ މީހުންނަށް' އެމެރިކާއިން މަރުހަބާ ކިޔަން ޖެހޭނެ ކަމަށް ސާ ފްރޭޒާ ވިދާޅުވި އެވެ.
ސާ ފްރޭޒާގެ އިތުރުން އެމެރިކާއިން ނޮބެލް އިނާމު ހާސިލު ކުރައްވާފައި ވަނީ އިނގިރެސިވިލާތަށް އުފަން ޑަންކަން ހަލްޑޭން، ސްކޮޓްލޭންޑަށް އުފަން ޑޭވިޑް ތޮލެސް، ޖަރުމަނުވިލާތުގެ ރެފިއުޖީ ދެމަފިރިންނަށް ސްކޮޓްލޭންޑުގައި އުފަން މިޝޭލް ކޮސްޓާލިޓްޒް އަދި ފިންލޭންޑަށް އުފަން ބެންޓް ހޮލްމޮސްޓްރޮމް އާއި އިނގިރޭސިވިލާތަށް އުފަން އޮލިވާ ހާޓް އެވެ.
ނޮބެލް އިކޮނޯމިކްސް އިނާމް ހާސިލު ކުރެއްވި އޮލިވާ ހާޓް ވަނީ އިނގިރޭސިވިލާތް އީޔޫން ވަކިވުމުގެ ސަބަބުން އެގައުމުގެ ތަރައްގީ އާއި އިންވެސްޓްމެންޓަށް ގެއްލުންވެދާނެ ކަމަށް ވިދާޅުވެފައެވެ.
މިއަހަރަކީ އެމެރިކާއަށް ހިޖުރަކުރި ގިނަ އަދަދެއްގެ މީހުން ނޮބެލް އިނާމު ހާސިލު ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ނެޝަނަލް ފައުންޑޭޝަން ފޯ އެމެރިކަން ޕޮލިސީގެ ފަރާތުން ސްޓުއާޓް އެންޑާސަން ވިދާޅުވި ގޮތުގައި، 2000 ވަނަ އަހަރުން ފެށިގެން އެމެރިކާއަށް ކެމިސްޓްރީ، ބޭސްވެރިކަން އަދި ފިޒިކްސްގެ ދާއިރާއިން ލިބުނު ނޮބެލް އިނާމުތަކުގެ ތެރެއިން 40 ޕަސެންޓު އިނާމު ހާސިލުކޮށްފައި ވަނީ ހިޖުރަވެރީންނެވެ. އޭގެ ތެރޭގައި ޖަޕާން، ކެނެޑާ، ތުރުކީ، އޮސްޓްރިއާ، ޗައިނާ، އިސްރާއީލް، ދެކުނު އެފްރިކާ އަދި ޖަރުމަނަށް އުފަން ފަރާތްތައް ހިމެނޭ ކަމަށް އެންޑާސަން ވިދާޅުވި އެވެ. (އިންޑިޕެންޑެންޓް)