13 Oct 2016, 10:05
ބާލިން(އޮކްޓޯބަރު 13): ޖަރުމަނުގެ ވެރިރަށް ބާލިންގެ އެއާޕޯޓަށް ހަމަލާދޭން ރޭވި ކަމުގެ ތުހުމަތުގައި އެގައުމުން ހައްޔަރު ކުރި ސީރިއާގެ ރައްޔިތެއް ކަމަށްވާ ޖާބިރު އަލް ބަކުރު އަމިއްލައަށް މަރުވެއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ޖަރުމަނުގެ ސެކްސަނީ ސްޓޭޓުގެ ލައިޕްޒިގްގެ ޖަލުގައި ޖާބިރު އަމިއްލައަށް މަރުވެފައި އޮއްވާ ފެނުމުން އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ސެކްސަނީ ސްޓޭޓުގެ ޖަސްޓިސް މިނިސްޓަރު ވިދާޅުވި އެވެ. ރިޕޯޓުތަކުގައިވާ ގޮތުން މިިދިޔަ ހޯމަ ދުވަހު ޖާބިރު ހައްޔަރު ކުރި ފަހުން އޭނާ ވަނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފަށާފައެވެ.
މިދިޔަ އަހަރު ޖަރުމަނުން ހިމާޔަތް ހޯދި ޖާބިރު، ބާލިން އެއާޕޯޓަށް ހަމަލާދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ޖަރުމަނުގެ އިންޓެލިޖެންސުން ސެކްސަނީ ސްޓޭޓުގެ ފުލުހުންނަށް އެލާޓް ކުރީ މިދިޔަ ހަފްތާ ތެރޭގައެވެ.
ފުލުހުން ކުރި ތަހުގީގުން ޖާބިރު ވަނީ ބޮން ހަދާނެ އިރުޝާދުތަކާއި ގޮވާ ތަކެތި އިންޓަނެޓުން ހޯދާފައި ކަމަށް މިދިޔަ ބުރާސްފަތި ދުވަހު އެނގުނެވެ. އަދި ހޮނިހިރު ދުވަހު އޭނާ ހައްޔަރު ކުރަން މަސައްކަތް ކުރުމުން ޖާބިރު ވަނީ ފިލާފައެވެ. ނަމަވެސް އޭނާގެ ފްލެޓް ބަލައި ފާސް ކުރުމުން 1.5 ކިލޯގުރާމުގެ ޓީއޭޓީޕީ ފެނުނު ކަމަށް ފުލުހުން ބުންޏެވެ. ޓީއޭޓީޕީއަކީ މިދިޔަ އަހަރު ފްރާންސުގެ ޕެރިހުގައި ދިން ހަމަލާތަކުގައިވެސް ބޭނުން ކުރި "ވަރަށް ނުރައްކާތެރި" ގޮވާ އެއްޗެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންނަށް ފިލައިގެން ދެދުވަސް ވަންދެން އުޅުމަށް ފަހު ޖާބިރު މަސައްކަތް ކުރީ ޖަރުމަނުގައި ތިބި ސީރިއާގެ އެހެން ރައްޔިތުންތަކެއްގެ ފަރާތުން ރައްކާތެރިކަން ހޯދުމަށެވެ. ނަމަވެސް ފުލުހުން ދިޔައީ ޖާބިރު ހޯދުމަށް މަސައްކަތް ކުރަމުން ކަން އެނގި، އެތިން މީހުން ވަނީ ޖާބިރު ފުލުހުންނާ ހަވާލުކޮށްފައެވެ.
ޖާބިރު ހައްޔަރު ކުރުމުގައި އެހީތެރިވި ތިން ސީރިއާ ރައްޔިތުންނަށް އެސިޓީގެ އެއް ނޫހަކުން ވަނީ "ލައިޕްޒިގުގެ ބަތަލުން"ގެ ލަގަބު ދީފައެވެ. އަދި ގިނަ ބަޔަކު ދަނީ އެމީހުންގެ މަސައްކަތް ސަރުކާރުން ފާހަގަ ކޮށް، އިނާޔާތް ދިނުމަށް ގޮވާލަމުންނެވެ. (ބީބީސީ)