ޖަރުމަނުގެ ބަޔާން މިއުނިކުން ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވި މިޑްފީލްޑަރު ޓޮނީ ކްރޫސް އިތުރު ދެއަހަރު އެ ޓީމުގައި މަޑުކުރަން އެއްބަސްވެއްޖެއެވެ.

ރެއާލްއިން ނެރުނު ބަޔާނެއްގައި ބުނީ އާ އެއްބަސްވުމުގެ ދަށުން 30 ޖޫން 2022 ވަނަ ދުވަހާ ހަމައަށް ކުރޫސް ރެއާލްގައި މަޑުކުރުމަށް އެއްބަސްވެފައިވާ ކަމަށާއި އެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލް މިއަދު ހާމަކުރާނެ ކަމަށެވެ.

މީގެ ދެ އަހަރު ކުރިން، 2014 ވަނަ އަހަރު 30 މިލިއަން ޔޫރޯއަށް ބަޔާން މިއުނިކުން ރެއާލް މެޑްރިޑަށް ބަދަލުވި އުމުރުން 26 އަހަރުގެ ކުރޫސް ވަނީ އެޓީމަށް 108 މެޗު ކުޅެދީ ހަތަރު ލަނޑު ވެސް ކާމިޔާބުކޮށްދީފައެވެ.

ޕެޕް ގާޑިއޯލާ ބަޔާން ދޫކޮށް އިނގިރޭސި ކުލަބު މެންޗަސްޓާ ސިޓީއަށް ބަދަލުވުމާ އެކު އެ ކުލަބުން ކްރޫސް ގެންދަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ވަނީ މީގެ ކުރިން ފެތުރިފައެވެ.

ނަމަވެސް ދެން ސިޓީން ކުރޫސް ގެންދަން ބޭނުންނަމަ އޭނާއަށް ބޮޑު އަދަދެއް ހޭދަކުރަން ޖެހޭނެއެވެ. ޖަރުމަނުގެ ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި ކްރޫސްގެ އާ އެއްބަސްމާ އެކު އޭނާއަށް އަހަރަކު 20 މިލިއަން ޔޫރޯގެ މުސާރައެއް ލިބޭނެ އެވެ. އަދި އެ އަދަދު ވެގެންދާނީ ވެސް ޖަރުމަނުގެ ފުޓްބޯޅަ ކުޅުންތެރިއަކަށް ލިބޭނެ އެންމެ ބޮޑު މުސާރަ ކަމުގައެވެ.