ޕީޕީއެމް އިސްލާހު ކުރަން ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރެއްވި އެއްވެސް ކަމެއް މިހާތަނަށް ފެންނަން ނެތް ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރިޔާޒު ވިދާޅުވީ، ޕީޕީއެމް އިސްލާހު ކުރުމުގެ މަސައްކަތް ފެއްޓެވި ކަމަށް ރައީސް މައުމޫން ވިދާޅުވިކަން މީޑިއާ އިން އެނގިވަޑައިގަތް ކަމަށެވެ. ނަމަވެސް އެފަދަ މަސައްކަތެއް ކުރެއްވިތަން ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ތިމަންނަ ފަސް މެމްބަރުން އައްޔަން ކޮށްގެން މިކަމެއް އެބަކުރަމޭ. މިއަދާ ހަމައަށް ވެސް އެ ވިދާޅުވާ އިސްލާހީ މަސައްކަތުގެ އެއްވެސް ކަމެއް އަޅުގަނޑުމެން ލޮލަކުންނެއް ނުދެކެން،" ރިޔާޒު ވިދާޅުވިއެވެ.

ޕާޓީ ތެރޭގައި މައްސަލަ އޮތް ކަމަށް ވިދާޅުވާ ކަމަށް ވަންޏާ އެކަން ހައްލު ކުރުމަށް ޕާޓީގެ ކައުންސިލާއި ޕާލަމެންޓްރީ ގްރޫޕްގައި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވަންޖެހޭނެ ކަމަށާއި ނަމަވެސް އެފަދަ ކަމެއް ރައީސް މައުމޫން ކުރައްވާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަމައެކަނި ކުރައްވާ ކަމަކީ މަޖިލީހުން ބިލެއް ފާސްކޮށްލަން އުޅޭ ވަގުތެއްގައި ނޫނިއްޔާ ރުހުންދޭން އުޅޭ ވަގުތެއްގައި އެމަނިކުފާނު އެކަމުގައި ދެކޭގޮތް ވިދާޅުވަނީ. އެ ވިދާޅުވަނީ ވެސް ޕީޖީ ގްރޫޕް ނޫންނަމަ ރައީސް ޔާމީން ބޭނުންފުޅުވެވަޑައިގަންނަވާ ގޮތް ނޫން އަނެއްގޮތް. ދެން މައްސަލަ ޖެހޭނެ ނޫންތޯ،" ރިޔާޒު ވިދާޅުވިއެވެ.

ޕީޕީއެމްގެ އިސްލާހީ އެޖެންޑާ ރައީސް މައުމޫން އިއުލާން ކުރެއްވީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ރޭ އެވެ. ޕާޓީ ހިންގުން ހަރުދަނާ ކުރުމާއި ޕާޓީގެ މިހާރުގެ ހާލަތު ދެނެގަތުމާއި ޕާޓީގެ ސައްޙަ ގޮފިތަކަކީ ކޮބައިތޯ ދެނެގަނެ ޕާޓީގެ އޮފީހަށާއި ގުނަވަންތަކަށް ކުރިމަތިވެފައިވާ ފިއްތުންތަކަކީ ކޮބައިތޯ ބެލުމާއި އެންގުންތައް އަންގާ ހަމައެކަނި ފަރާތަކީ ޕާޓީގެ މައި އޮފީސް ކަމަށް ހެދުން އިސްލާހީ އެޖެންޑާގައި ހިމެނޭ ކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ.

އިސްލާހީ އެޖެންޑާ ތަންފީޒު ކުރުމަށްޓަކައި މައުމޫން ވަނީ އެމަނިކުފާނަށް މަޝްވަރާދޭ މަޖިލީހެއް އެކުލަވައިލައްވާފައެވެ. އެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހުމަދު ޒާހިރު (ސީނާ ޒާހިރު) އާއި ކުރީގެ މިނިސްޓަރުން ކަމަށްވާ އަނީސާ އަހުމަދާއި ހަމްދޫން އަބްދުﷲ ހަމީދާއި މައުމޫން ސަރުކާރުގައި އިސް މަގާމްތަކެއް ފުރުއްވާފައިވާ ރާޝިދާ ޔޫސުފާއި އާމިނަތު އާތިފާގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު އާމިނަތު ނާދިރާ އާއި މުހައްމަދު ޒުހައިރެވެ.

ޕީޕީއެމްގެ ރައީސް ފައްޓަވާފައިވާ ޕާޓީ އިސްލާހު ކުރުމުގެ ޓައިމް ލައިންގައިވާގޮތުން އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޕާޓީގެ ގައުމީ ޖަލްސާއެއް ބާއްވަނީ ދެކަމަކާ ގުޅިގެންނެވެ.

އެގޮތުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އޮންނާނީ ޕާޓީގެ ޑިމޮކްރަސީ ޑެފިސިޓް ނައްތާލުމަށް އަސާސީ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ފާސްކުރުމެވެ.

ދެ ވަނަ ކަމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ގައުމީ ޖަލްސާއާ މެދު ގޮތެއް ނިންމުމެވެ.

ރިޔާސީ ޕްރައިމަރީއެއް ބާއްވަން ގައުމީ ޖަލްސާއިން ފާސްކޮށްފިނަމަ ޕްރައިމަރީ ކެމްޕޭން އޮންނާނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އަދި ޕްރައިމަރީ އޮންނާނީ ފެބްރުއަރީ މަހު ކަމަށް ވެސް އެ ޓައިމްލައިންގައި ކަނޑައަޅާފައި ވެއެވެ.

ޕާޓީ އިސްލާހު ކުރުމުގެ މަޝްރޫއުގެ ޓައިމްލައިންގެ ތަސައްވުރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޕީޕީއެމް އަކީ ޕާޓީގެ އަސާސީ ގަވާއިދަށާއި ޕާޓީގެ މައިގަނޑު އުސޫލުތަކަށް އިހްތިރާމްކުރާ ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވެފައިވާ ދިވެހިރައްޔިތުންގެ ލާބަޔާ މަންފާއަށް މަސައްކަތް ކުރާ ޕާޓީއެއް ކަމުގައި އަލުން ހެދުމެވެ.