ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރިޔާސީ ދެވަނަ ދައުރެއް ދިނުމަކީ ގައުމީ ވާޖިބެއް ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރިޔާސީ ދެވަނަ ދައުރަކަށް ރައީސް ޔާމީނަށް ފުރުސަތު ނުދީފިނަމަ ގައުމަށް ދެންވާނެ ގޮތެއް ނޭނގޭ ކަމަށެވެ.

"އެމަނިކުފާނު ފެއްޓެވި މަސައްކަތަކީ ގައުމުގައި ހުރި މައްސަލަތައް ރަނގަޅުކުރުމަށް ފެށި ކަންކަން. މި ފަސް އަހަރު ތެރޭގައި އެއްކޮށް ހައްލެއް ނުކުރެވޭނެ،" މުއިއްޒު ވިދާޅުވިއެވެ.

ހައުސިން މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީނަކީ އިގްތިސާދީ ގޮތުން ގައުމަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ގާބިލު ލީޑަރެއް ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި މިދިޔަ ދުވަސްކޮޅުގައި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމާށެވެ.

ރައީސް ޔާމީން ފައްޓަވާފައިވާ މަސައްކަތްތަކަކީ، ކުރީގެ ލީޑަރުން ސިޔާސީ ސަބަބުތަކަށްޓަކައި އަތް ނުލާން ބަހައްޓާފައި ހުރި ބޮޑެތި ކަންކަން ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"މީގެ ކުރިން އަތް ނުލާން ބަހައްޓާފައި ހުރި ބޮޑެތި ކަންކަން، ސިޔާސީ ވިސްނުމުގައި އެމީހަކަށް ލިބިދާނެ ސިޔާސީ ގެއްލުމަކަށްޓަކައި ބަހައްޓާފައި ހުރި ކަންކަން. ގައުމުގެ ހައްގުގައި އެމަނިކުފާނު ތެދުވެވަޑައިގެން އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އެގެންދަވަނީ،" މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ޚަރަދުތަކަކީ އޭގެ ނަފާ، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރައްޔިތުންނަށް ލިބޭނެ ގޮތަކަށް ބައްޓަން ކުރައްވާފައިވާ މަސައްކަތެއް ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ރައީސް ޔާމީން ރައީސްކަމަށް ވަޑައިގެންނެވި އިރު ރާއްޖޭގެ ދަރަނި އޮތީ 33 ބިލިޔަން ޑޮލަރުގައި ކަމަށާއި، އެ ދަރަނިތައް ވެސް އަދާކުރުމަށް ރައީސް ޔާމީން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ކަމަށެވެ.

"ބޭކާރު ހަރަދުތައް ހުއްޓާލައި، ކުރަންޖެހޭ ހަރަދުތައް މާނަ ހުރި އަދި ދެމެހެއްޓެނެވި ގޮތުގައި، ރަނގަޅު ނަތީޖާ ނެރެވޭ ގޮތަށް ބައްޓަން ކުރުމަށް ވަރަށް ހިކުމަތްތެރިކަމާ އެކު އިގްތިސާދީ އެޖެންޑާއެއް އެ ގެންދަވަނީ ތަންފީޒު ކުރައްވަމުން. އެކަމުގެ ނަތީޖާއެއްގެ ގޮތުން ކޮންމެ އަހަރަކު ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވަމުން ދަނީ،" އޭނާ ވިދާޅުވިއެވެ.

މި ދައުރު ނިމުމުގެ ކުރިން، ދަރަނީގެ ބޮޑުބައި ދައްކައި ނިންމަވާނެ ކަމަށާއި، ދެވަނަ ދައުރެއްގެ ތެރޭގައި ރައީސް ޔާމީން، ހުރިހާ ދަރަންޏެއް އަދާކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އެބަ އޮތް ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.