މީގެ 16 އަހަރު ކުރިން ފެށިގެން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލް ބަލަހައްޓަމުންއައި ތަޖްރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ) ގައުމީޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިންމަ އިއުލާނުކުރީ އޭނާގެ ފޭސްބުކް އެކައުންޓް މެދުވެރިކޮށެވެ. އިންމަ އޭނާގެ ފޭސްބުކް ޕޭޖާއި ޓްވިޓާ އެކައުންޓުގައި ބުނެފައި ވަނީ، ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަކީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ނިންމި އެންމެ އުނދަގޫ ނިންމުން ކަމަށެވެ.

ރާއްޖެއާއި އިންޑިއާ ވާދަކުރި މެޗެއްގައި ގޯލްކީޕަރު އިމްރާނު ބޯޅައެއް ދިފާއު ކުރަނީ --- ފޮޓޯ: އިންސްޓަގްރާމް

"ކުރިންވެސް ބުނެފައިވާނޭ ފަދައިން ގައުމީ ޓީމާ ދުރަށް ދިއުމަކީ އެހާ ފަސޭހަކަމެއް ނޫން. އަހަރެންގެ ހަށިގަނޑުގެ އެއްބައި ބުނަމުންދަނީ އަދިވެސް ގައުމީ ޓީމަށް ކުޅުމަށް، ހަމަ އެއާއެކު ހަށިގަނޑުގެ އަނެއްބައި ބުނަމުންދަނީ އަަހަރެން ގައުމީޓީމަށް ކުޅުން ހުއްޓާލުމަށް ނިންމި ނިންމުން ރަނގަޅުކަމަށް،" ރާއްޖޭގެ ގައުމީ ޓީމު މިހާތަނަށް ހޯދި ގިނަ ކާމިޔާބީތަކުގައި މުހިއްމު ދައުރެއް ހިއްސާކުރި ތަޖްރިބާކާރު ކީޕަރު ބުންޏެވެ.

އދ. މަހިބަދުއަށް އުފަން، މިހާރު އުމުރުން 35 އަހަރުގެ އިންމަ ރާއްޖޭގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅެފައި ވަނީ، 2000 ވަނަ އަހަރުގެ ފެބްރުއަރީ 15 ވަނަ ދުވަހު، މެލޭޝިއާގެ ގައުމީ ޓީމާ ދެކޮޅަށެވެ. އޭގެ ފަހުން އިންމަ ވަނީ ގައުމީ ޓީމަށް 111 މެޗު ކުޅެފައެވެ.

ޑިސެމްބަރު 21، 2015: ސާފް ސުޒުކީ ކަޕަށް ގައުމީ ފުޓުބޯޅަ ޓީމު ފުރުމުގެ ކުރިން ގަލޮޅު ދަނޑުގައި ގައުމީ ޓީމުން ކުޑަކުދިންނާ އެކު ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން -- ސަން ފައިލް ފޮޓޯ

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ގޯލްކީޕަރުކަން ވެސް ކުރަމުން އަންނަ އިންމަ ބުނީ، އޭނާ ގަބޫލުކުރާގޮތުގައި މިއީ އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އެންމެ ރަނގަޅު ވަގުތްކަމަށެވެ. އެގޮތުން، ޒުވާން ކުޅުންތެރީންނަށް ފުރުސަތުދީ އެ ކުޅުންތެރީންގެ ހުނަރާއި ގާބިލްކަން ދައްކާލަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށް އިންމަ ބުންޏެވެ.

"މިހާރު ޓީމުގައި ތިބި ޒުވާން ކީޕަރުންގެ ހުނަރާމެދު އަހަންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް. ހަގީގަތުގައި ވެސް އެމީހުން ވަރަށް ރަނގަޅަށް ޕާފޯމް ކުރާނޭކަމަށް އަހަރެން ގަބޫލުކުރަން،" އިންމަ ބުންޏެވެ.

މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕް 2019ގެ ކޮލިފައިން ބުރުން ޖާގައެއް ރާއްޖޭގެ ގައުމީ ޓީމު ކަށަވަރު ކުރިއިރު ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި ކީޕަރު ބުނީ، އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލި ދަނޑިވަޅަކީ ގައުމީ ޓީމަށް މިފަދަ ކާމިޔާބެއް ލިބުނު ދަނޑިވަޅަކާ ދިމާވުމުން ވަރަށް ބޮޑަށް އުފާކޮށް ފަހުރުވެރިވާ ކަމަށެވެ.

އޭއެފްސީ އޭޝިއަން ކަޕް 2019ގެ ކޮލިފައިން ޕްލޭއޮފްގައި ލާއޯސްއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު މެޗުގައި ގައުމީ ޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު އިމްރާން މުހައްމަދު (ވ) -- ފޮޓޯ: އިމްރާން

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބު ކަމަށްވާ، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލިއިރު ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި ހުނަރުވެރި ކީޕަރު އިންމަ ބުނީ، ފުޓްބޯޅައިގައި ރާއްޖެ ފަހުރުވެރިވާފަދަ ޚިދުމަތްތަކެއް ކޮށްދެވިއްޖެ ކަމަށް އުންމީދުކުރާ ކަމަށާއި އެހެން ނަމަވެސް އެކަން ނިންމާނީ ދިވެހި ސަޕޯޓަރުން، ނުވަތަ 12 ވަނަ ކުޅުންތެރިޔާ ކަމަށެވެ.

ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖްކަޕްގައި ރާއްޖޭން އެ މުބާރާތުގެ ތިން ވަނަ ހޯދި މެޗަށް ފަހު ގައުމީ ޓީމްގެ ގޯލްކީޕަރު ޢިމްރާން މެޑަލް ދައްކާލަނީ -- ފޮޓޯ/ ޢިމްރާން ފޭސްބުކް

ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް، އަދިވެސް ކްލަބް ފުޓްބޯޅައިގައި ކުރިއަށް ދާނޭ ކަމުގެ ޔަގީންކަން ދެމުން އިންމަ ބުނީ، "ގައުމީ ޓީމުން އަހަރެންގެ އެހީއަށް އެދިއްޖެ ކޮންމެ ވަގުތެއްގައި ވެސް ޓީމަށް އެހީތެރިވުމަށް މިހިރީ ތައްޔާރަށް" ކަމަށެވެ.

އިންމަ ވަނީ، ކްލަބް ފެންވަރުގައި މާޒިޔާގެ އިތުރުން ކްލަބް އީގަލްސް، ވިކްޓަރީ ސްޕޯޓްސް ކްލަބް، ވީބީ ސްޕޯޓްސް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެ އެ ކްލަބުތަކާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.