08 Jun 2011, 14:10
މީޑިއާގައި މަސައްކަތް ކުރާ ދެ މީހަކަށް ދާދިފަހުން ދިން "ހަމަލަ" މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން[އެމްޖޭއޭ] އިން ކުށްވެރިކޮށްފި އެވެ.
އެމްޖޭއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދާދި މިދާކަށް ރެއަކު ތާޖުއްދީން ސްކޫލްގައި އޮތް ޝޯއެއްގެ ފޮޓޯ ނެގުމަށް އެތަނަށް ދިޔަ ދި އިސްލާމްގެ ފޮޓޯގްރާފަރުގެ ގަޔަށް ޖިސްމާނީ ގޮތުން އައިތްލައި އަދި މަޖުބޫރުކޮށްގެން އޭނާގެ ކެމެރާގައި ހުރި ފޮޓޯތައް ޑިލީޓް ކުރިކުރުމަކީ އެ އެސޯސިއޭޝަނުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ.
"ދި އިސްލާމްގެ ފޮޓޯގްރާފަރު އިސްމާއީލް އަފުރާހު ފޮޓޯ ނެގުމަށް އެތަނަށް ގޮސް ފޮޓޯ ނެގުމުން ޖިސްމާނީ ގޮތުން އޭނާގެ ގަޔަށް އައިތްލައި މަޖުބޫރުކޮށްގެން އޭނާގެ ކެމެރާގައި ހުރި ފޮޓޯތައް ޑިލީޓް ކުރިކުރުމަކީ މި އެސޯސިއޭޝަނުން ބަލައިގަންނަ ކަމެއް ނޫނެވެ. އަދި އެކަން ކުށްވެރިކުރަމެވެ،" އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.
އަފްރާހުގެ އިތުރުން "ކުންފުންޏަށް ހިޔާނަތްވެފައި"ވާ ކަމަށް ބުނެ އެމްއެންބީސީގެ ޔޫތު ޓީވީ ހިންގެވުމާ ހަވާލުވެ ހުންނެވި އެސިސްޓެންޓް މެނޭޖަރު އިބްރާހީމް މުއާޒު ކުއްލި ގޮތަކަށް ދާދިފަހުން ވަޒީފާ އިން ވަކިކުރުމުގައި "ސިޔާސީ ކުލަވަރުތަކެއް ޖެހިގެން" އެކަންކޮށްފައިވާ ކަމަށް އޭނާ ބުނާތީ، އަދި އެއީ އެގޮތަށް ހިނގާފައިވާ ކަމަކަށް ވާ ނަމަ އެކަން ކުށްވެރި ކުރާ ކަމަށް ވެސް އެމްޖޭއޭ އިން ބުންޏެވެ.
އެ ޖަމިއްޔާ އިން ބުނެފައި ވަނީ އަނެއްކާ ވެސް މީޑިއާގެ ފަރާތްތަކަށް ދޭ ހަމަލާތަކާއި އެކި ގޮތްގޮތުން ކުރާ ގޯނާތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ.
އެ އެސޯސިއޭޝަނުން ގޮވާލާފައި ވަނީ ނޫސްވެރިޔާގެ ފިކުރަށް ނުބަލައި މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށެވެ.