12 Oct 2016, 20:42
އަންނަ މަހު އިންޑިއާގެ ނިއުދިއްލީގައި ބާއްވާ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގައި ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި ދިރާގުން ބައިވެރިވެއްޖެއެވެ.
މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މި ސްޕޮންސާޝިޕް އެގްރިމެންޓުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދެވެ.
ދެހާސް ސާދަވަނަ އަހަރާއި 2015 ވަނަ އަހަރު ވެސް މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް ބާއްވާފައިވާ އިރު، އެ ދެ ފަހަރުވެސް ދިރާގުން ވަނީ އެ ފޯރަމްތަކުގައި ބައިވެރިވެފައެވެ.
އެންމެ ފުރަތަމަ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް އޮތީ 2014 ވަނަ އަހަރު، ސިންގަޕޫރުގެ މެރީނާ ބޭ ސޭންސްގައެވެ. މިދިޔަ އަހަރުގެ ފޯރަމް ޗައިނާގެ ބެއިޖިންގްގައި ބޭއްވި އިރު، މި އަހަަރުގެ ފޯރަމް އޮންނާނީ ނޮވެމްބަރު 21 އަދި 22 ވަނަ ދުވަހު، އިންޑިއާގެ ނިއުދިއްލީގެ ތާޖް ޕެލަސް ހޮޓެލްގައެވެ.
މިއަހަރުގެ ފޯރަމްގައި ޕްލެޓިނަމް ޕާޓްނަރުންގެ ގޮތުގައި އުރީދޫ މޯލްޑިވްސްއާއި ބޭންކް އޮފް މޯލްޑިވްސްއިން ވެސް ވަނީ ބައިވެރިވެފައެވެ.