12 Oct 2016, 18:00
މި މަހުގެ 20 ވަނަ ދުވަހުގެ ރޭ މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ އިންތިހާބު ބާއްވަން ނިންމައި، ކެންޑިޑޭޓުންގެ ލިސްޓް އިއުލާންކޮށްފި އެވެ.
އިންތިހާބު ބާއްވާނެ ތާރީހާއި ކެންޑިޑޭޓުންގެ ލިސްޓް އިއުލާންކޮށްފައިވަނީ މިއަދު ހަވީރު އެމްބީއޭގެ އިންތިހާބުގެ ކަންތައްތައް ކުރިއަށްގެންދިއުމަށް ހޯމް މިނިސްޓްރީން އެކުލަވާލި ކޮމިޓީންނެވެ.
އެމްބީއޭގެ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ތިން ފަރާތަކުން ރައީސް ކަމަށް ކުރިމަތިލީ އިރު، ދެ ފަރާތަކުން ނައިބު ރައީސް ކަމަށް ކުރިމަތިލާފައިވެ އެވެ. ޓްރެޜަރާގެ މަގާމަށް ތިން ފަރާތެއް ކުރިމަތިލާފައިވާ އިރު، ކްލަބުތަކުގެ ފަރާތުން ހިންގާ ކޮމިޓީގެ މެންބަރު ކަމަށް 11 ފަރާތަކުން ކުރިމަތިލާފައިވެ އެވެ. އަދި އާންމުންގެ ތެރެއިން ދެ ފަރާތެއް ހިންގާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާފައިވެ އެވެ.
އެމްބީއޭގެ ރައީސްކަމަށް ކުރިމަތިލާފައިވަނީ އަހްމަދު އާދަމް އާއި، އަބްދުﷲ ސިނާން އަދި އަހްމަދު މަމްދޫހު އެވެ. ނައިބު ރައީސް ކަމަށް ކުރިމަތިލާފައިވަނީ ހުސައިން އާރިފް ރިޒާ އަދި ހަސަން އިސްމާއީލް އެވެ. ޓްރެޜަރާގެ މަގާމަށް ކުރިމަތިލާފައިވަނީ މުހައްމަދު ޒިޔާއު އާއި، އަހްމަދު އާދަމް އަދި ހުސައިން ފަޒީލް އެވެ.
ކްލަބުތަކުގެ ފަރާތުން ހިންގާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާފައިވާ ފަރާތްތަކަކީ ހުސައިން ސުހައިލް، ހުސައިން ފަޒީލް، މުހައްމަދު ޝިހާން، މުހައްމަދު ވިޝާން، އަހްމަދު ނަޒީފް، މުހައްމަދު ހާޝިމް، މުހައްމަދު ވަހީދު، އަލީ ޒިހާން ޒާހިދު، އިސްމާއިލް ނުޖައިމީ އިބްރާހިމް، އަހްމަދު ނަސީރު އިބްރާހިމް އަދި ވިސާން ރަޝީދެވެ. އާންމުންގެ ތެރެއިން ހިންގާ ކޮމިޓީ އަށް ކުރިމަތިލާފައިވަނީ ހުސައިން އަމީން އަދި މުހައްމަދު ހުޝާމް އެވެ.
އިންތިހާބު ބޭއްވުމުގެ ޒިންމާ އަދާކުރަމުންދާ ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން އިބްރާހިމް އިސްމާއިލް ވިދާޅުވީ، އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ރޭ 8:30ގައި ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ކަމަށާއި އިންތިހާބުގައި އަމަލުކުރަން ޖެހޭ އުސޫލުތަކަކާއި އަހްލާގީ މިންގަނޑުތަކެއް އެ ކޮމިޓީން އެކުލަވާލާފައިވާ ކަމަށެވެ.
އެ އިންތިހާބުގައި ވޯޓުގައި ބައިވެރިވުމަށް ޝަރުތު ހަމަވެފައިވަނީ 29 ކްލަބަކުންނެވެ. އެ ކްލަބުތަކުގެ ފަރާތުން ވޯޓުގައި ބައިވެރިވާ ފަރާތެއްގެ ނަން ފޮނުވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް އެ ފުރުސަތު ކްލަބުތަކަށް ހުޅުވާލާފައިވާ ކަމަށް އިންތިހާބީ ކޮމިޓީން ބުންޏެވެ.