12 Oct 2016, 20:36
ގދ. ތިނަދޫ ބަނދަރުގައި އަޑިއަށް ގޮސްފައި އޮންނަތާ ގިނަ ދުވަސްވެފައިވާ "ތެނަދޫ ނަމަކަށް ކިޔާ ދޯނި ނެގުމަށް އެރަށު މީހެއްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ "ތެނަދޫ" ނަމަކަށް ކިޔާ ދޯންޏަކީ ގދ. ތިނަދޫ ކާނޭޝަންވިލާ އަހުމަދު ރާމިޒު ގެރެންޓީ ދީގެން މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީން ގދ. ތިނަދޫ އޭޝިޔާ އަހުމަދު ވަހީދަށް ފައިނޭންސް ލީސިންގެ އުސޫލުން ދޫކޮށްފައިވާ ދޯންޏެއް ކަމަށެވެ.
އެ ދޯނި މިހާރު ވަނީ ތިނަދޫ ބަނދަރުގައި އަޑިއަށް ގޮސްފައިވާތީ މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ތިނަދޫ ބަނދަރުން އެދޯނި ނެގުމަށާއި އަދި އެއަށްފަހު އަތުގެ ވެރިޔާގެ ހައިސިއްޔަތުން އެ ދޯނި ބެލެހެއްޓުމަށް ވަހީދާއި ރާމިޒަށް އެ ހުކުމްގައި ވަނީ އަންގައިފައެވެ.
އެ ދޯނި ތިނަދޫ ބަނދަރަށް އަޑިއަށް ގޮސްފައިއޮތުމުގެ ސަބަބުން ދައުލަތުގެ އެއްވެސް އިދާރާއަކަށް އެއްވެސް ޖޫރިމަނާއެއް ދައްކަންޖެހޭނަމަ އެ ފައިސާއެއް ދެއްކުމަށާއި އެ ދޯނި އެހެލުމަށް ކުރަންޖެހޭ އެންމެހައި ޚަރަދުތައް ކުރުމުގެ އިތުރުން އެ ދޯނި ބެލެހެއްޓުމުގައި ތިން ވަނަ ފަރާތަކަށް ދައްކަންޖެހޭ އެއްވެސް އުޖޫރައެއް ވާނަމަ އެފަދަ ފައިސާއެއް ދެއްކުމަކީ ވަހީދުގެ ޒިންމާއެއް ކަމަށް ވެސް އެ ހުކުމްގައި ވެއެވެ. އަދި އެ ޒިންމާއިން ރަމީޒު ވެސް ބަރީޢަވެގެންނުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.
ސިވިލް ކޯޓުން އެގޮތަށް ހުކުމް ކުރީ މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީން އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރި މައްސަލަ ބެލުމަށްފަހުއެވެ.
ތިނަދޫ ކައުންސިލް މެމްބަރު ސައުދު އަލީ ސަން އަށް ވިދާޅުވީ މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީން އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރީ އަޑިއަށް ގޮސްފައިވާ ދޯނި ނެގުމަށްފަހު ކައުންސިލުން ކަނޑައަޅާ ސަރަހައްދަކަށް ގެންދިޔުމަށް އެ ކުންފުންޏަށް ކައުންސިލުން އަންގާފައި ވަނިކޮށް ކަމަށެވެ.