12 Oct 2016, 17:42
އެންމެ މަތިވެރި ގުރުބާނީއަކަށް ވެގެންދާނީ ގައުމާއި ވަތަން އަދި ދީނުގެ ދިފާއުގައި އެމީހެއްގެ ނަފުސާއި ހަށިގަނޑު ގުރުބާން ކުރުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ 62 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ސިފައިންގެ ހުވާ ކުރުމަށް މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ދީނާއި ގައުމުގެ ދިފާއުގައި ގުރުބާންވުމަށްވުރެ މަތިވެރި ގައުމީ ވާޖިބެއް އަދި މަސްއޫލިއްޔަތެއް ނޯންނާނެ ކަމަށެވެ.
ސިފައިންގެ އެންމެ އިސް ވާޖިބަކީ އިސްލާމް ދީން ދިފާއުކުރުން ކަމަށާއި، އެއާއެކު އަމިއްލަ ވެރިކަމެއް ދިފާއު ކުރުމާއި ހިމާޔަތް ކުރުމަކީ ސިފައިންގެ މައްޗަށް ގާނޫނު އަސާސީން މަތިކުރާ އެންމެ ވަރުގަދަ ޒިންމާ އާއި މަސްއޫލިއްޔަތާއި އަމާނާތް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަމިއްލަ ވެރިކަމެއް ދިފާއުކުރުމަކީ ގައުމުގެ ސިޔާދަތު ހިމާޔަތްކޮށް އަދާވާތްތެރިންގެ މައްޗަށް ގަދަވެގަނެ އެމީހުންގެ ފަރާތުން ގައުމު ދިފާއުކުރުން ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ތަމްރީން ކޯސް ފުރިހަމަ ކުރި ދަރިވަރުންނަށް ހުވާ ލައިދެއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲއެވެ.