12 Oct 2016, 17:13
ދެކުނު އޭޝިއާ ސަރަހައްދަށް ޚާއްސަކޮށްގެން ބާއްވާ ފަތުރުވެރިކަމުގެ އެންމެ ޝަރަފްވެރި އެވޯޑް ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) ގެ އޮފިޝަލް ހޯސްޓަކަށް ސްރީލަންކާގެ އެންމެ މަޝްހޫރު ހޮޓެލްތަކުގެ ތެރޭގައި ހިމެނޭ، މައުންޓް ލެވީނިއާ ހޮޓެލް ހަމަޖައްސައިފި އެވެ.
އިނގިރޭސީންގެ ވެރިކަމުގައި ލަންކާ އޮތް ދުސްވަރު ދެވަނަ ގަވަނަރުކަން އަދާކުރެއްވި ތޯމަސް މައިޓްލޭންޑްގެ ދިރިއުޅުއްވުމަށް އަމިއްލަ ގެއެއްގެ ގޮތުގައި 1806 ވަނަ އަހަރު އެޅި މިހާރު ލަގްޒަރީ ހޮޓެލް، މައުޓް ލެވީނިއާ ހޮޓަލަކީ ގާތްގަނޑަކަށް 200 އަހަރުގެ ދިގު ތާރީހެއް އޮތް ސްރީ ލަންކާގެ އެންމެ ދުވަސްވީ އެއް ހޮޓަލެވެ.
ރާއްޖޭގެ ތަޖުރިބާކާރު އިވެންޓްސް މެނޭޖްމަންޓް ކުންފުނި، ހައިރައިޒުން އިންތިޒާމްކުރާ މިއަހަރުގެ ސަޓާ އެވޯޑުގެ ގްރޭންޑް ފިނާލޭ އަންނަ ނޮވެމްބަރު މަހުގެ މެދު ތެރޭގައި ބާއްވަން ނިންމާފައިވާއިރު، އެވޯޑުގެ މީޑިއާ ޕާޓްނަރުންގެ ގޮތުގައި ލަންކާގެ ތިން ފަރާތެއް ވަނީ ހަމަޖައްސާފަ އެވެ.
އެގޮތުން، އެވޯޑުގެ އޮފިޝަލް ރޭޑިއޯ ޕާޓްނަރަކަށް ލަންކާގެ މަޝްހޫރު އިނގިރޭސި ރޭޑިއޯ ޗެނަލެއް ކަމަށްވާ ރެޑް އެފްއެމް ހަމަޖައްސާފައިވާއިރު، ޕްރިންޓް މީޑިއާ ޕާޓްނަރަކަށް ހަމަޖެއްސީ ސިލޯން ޓުޑޭ އެވެ. އަދި ޓީވީ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ލަންކާގެ އަމިއްލަ ޓީވީ ކުންފުންޏެއް ކަމަށްވާ އާޓް އެވެ.
މީގެ އިތުރުން، ހޮސްޕިޓޭލިޓީ ޕާޓްނަރަކަށް ރާއްޖޭގެ ޗަމްޕާ ސެންޓަރަލް ހޮޓެލް ވަނީ ހަމަޖައްސާފަ އެވެ.
ދެ ރެއަކަށް ބަހާލައިން ޖުމަލަ ތިން އިވެންޓާއެކު ކުރިއަށްދާ ގޮތަށް ރާވާފައިވާ މިއަހަރުގެ ސަޓާ އެވޯޑްސް 10 ސެގްމަންޓަކުން، 39 ކެޓަގަރީ އަކުން އެވޯޑް ދޭން ނިންމާފައިވާ އިރު، އެވޯޑަށް 273 ފަރާތްތަކުން ވަނީ ނޮމިނޭޓްވެފައެވެ.
ސަޓާ އަށް ނޮމިނޭޓް ކޮށްފައިވާ މަޝްހޫރު ހޮޓެލް ޗެއިންތަކުގެ ތެރޭގައި ހައިޑްއަވޭ އާއި ޖުމެއިރާ، ޕާކް ހަޔަޓް، ކޮކޯ ކަލެކްޝަން، ވިލާ ގްރޫޕް، ސަން ސިޔާމް، އަދާރަން، ކޮންސްޓެންޓް، އެޓިކަން ސެޕްންސް އާއި ލީލާ ގްރޫޕުގެ އިތުރުން ކިންގްބެރީ، ތާޖް ސަމުންދްރާ، ކާސާ ކަލެކްޝަންފަދަ އެތައް ބްރޭންޑެއް ހިމެނެއެވެ.
އެވޯޑް ދިނުމުގައި އޮންލައިންކޮށް ވޯޓު ދިނުމަށް ފުރުސަތު ހުޅުވާލައި، އޮންލައިންކޮށް ލިބޭ ވޯޓުގެ 50 ޕަސެންޓާއި ތަޖުރިބާކާރު ފަނޑިޔާރުންގެ ޓީމަކުން ފަނޑިޔާރުކަންކޮށް ބާކީ 50 ޕަސެންޓް މާކްސް ދޭނެއެވެ.
އެގޮތުން، މިހާރު ނޮމިނޭޓްވި ފަރާތްތަކަށް އޮންލައިން ކޮށް ވޯޓުދޭން ހުޅުވާލި މުއްދަތު ނިމި، ހައިރައިޒުން ދަނީ މިމަހުގެ 18 ވަނަ ދުވަހު ނޮމިނީސް އަށް ފަނޑިޔާރުކަންކުރަން ތައްޔާރު ވަމުންނެވެ.
އެވޯޑުގެ ނޮމިނީސްއަށް ފަނޑިޔާރުކަން ކުރާނީ ރާއްޖެއާއި އިންޑިއާ އަދި ސްރީ ލަންކާގެ ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންގެ ޕެނަލަކުންނެވެ.
ސަރަހައްދުގެ ބޮޑެތި ޖަމިއްޔާތައް ކަމަށްވާ ފެޑަރޭޝަން އޮފް ޗެމްބާ އޮފް ކޮމާސް އިން ލަންކާ އާއި ކޮންފެޑަރޭޝަން އޮފް ކްރެޑިޓެޑް ޓުއާ އޮޕަރޭޓާސް (ކެޓޯ) އިންޑިޔާ، އިން ބަލައިގެންފައިވާ ސަޓާ އެވޯޑުގެ ޕާޓްނަރުންގެ ގޮތުގައި ރާއްޖޭގެ އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) އާއި ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ބައިވެރިވެއެވެ.
މީގެ އިތުރުން، އިންޑިޔާގެ، އެސޯސިއޭޝަން އޮފް ޓޫރިޒަމް ޓްރޭޑް އޮގަނައިޒޭޝަން (އޭޓީޓީއޯއައި) އާއި ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާސް ކްލަބް (ކޭއެޗްޖީއެމްސީ) ގެ އިތުރުން، އިންޑިޔާގެ ތިންވަނަ އަށް އެންމެ ބޮޑު ޓޫރިޒަމް ޖަމިއްޔާ އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލް އިން ޓޫރިޒަމް (އޭޕީޓީ، އިންޑިޔާ) ބައިވެރިވެއެވެ.