12 Oct 2016, 17:05
ހިއްސާދާރުންގެ މެދުގައި މައްސަލަ އުފެދިގެން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ޝަރީއަތުން ވަކިގޮތެއް ނިމެންދެން ހިއްސާދާރުންގެ ބައިވެރިވުމާ އެކު ނޫން ގޮތަކަށް ގްލޭމް ސެލޫން ނުހިންގުމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރުނީ ގްލޭމް ސެލޫންގެ އެއް ހިއްސާދާރު ކަމަށްވާ، މއ. މުރައިދޫގެ ނަޖުމާ މޫސާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ވަގުތީ އަމުރަކަށް އެދިފައިވާތީ އެެވެ. ނަޖުމާ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ އޭނާގެ ހިއްސާ އޮންނަ ގެލޭމް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ ވިޔަފާރި ކުރިއަށް ގެންދަނީ ނަޖުމާއަށް އެނގުމެއް ނެތި ކުންފުނީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެވެ.
ކުންފުނީގެ އަނެއް ހިއްސާދާރު ހ. އަޒުމް ފާތިމަތު ނަދާ އެ ވިޔަފާރީގެ ކަންކަން ކުރިއަށް ގެންދަނީ ނަޖުމާއަށް އެނގުމެއް ނެތި ކަމަށް ވެސް ދައުވާގައި ބުނެފަ އެވެ. އަދި ނަދާގެ ފަރާތުން ކުންފުންޏަށް ދައްކަންޖެހޭ 450 ހިއްސާގެ އަގަށްވާ 450،000 ރުފިޔާ އޭނާގެ އަތުން ހޯދައިދިނުމަށް ވެސް ނަޖުމާ ސިވިލް ކޯޓުގައި ވަނީ އެދިފަ އެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ ނަޖުމާގެ ފަރާތުން ހައްގެއް ގެއްލިގެން އުޅޭ ކަމަށް ބުންޏަސް، ގެއްލިގެން އުޅެނީ ކޮން ހައްގެން ކަން ބުނެދީފައިނުވާ ކަމަށެވެ.
ގްލޭމް ސެލޫން ހިންގަމުން އަންނީ ޒިންމާދާރުކޮށް ކަމަށް ދައުވާ ރައްދުވާ ނަދާގެ ފަރާތުން ކޯޓުގައި ބުނެފައިވާ ކަމަށް އަމުރުގައިވެ އެވެ. އަދި ހެއްކެއްގެ ގޮތުން މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާ ދައްކައި ކުންފުނި އޮޑިޓްކޮށްފައިވާ ކަމަށް ނަދާގެ ފަރާތުން ބުނެފައިވާ ކަމަށް ވެސް އަމުރުގައިވަނީ ބުނެފަ އެވެ.
ކޯޓުން އަމުރުކޮށްފައި ވަނީ ހުށަހެޅިފައިވާ މައްސަލާގައި ކޯޓުން ވަކިގޮތެއް ނިމެންދެން ހިއްސާދާރުންނާއި ބޯޑު މެމްބަރުންގެ ބައިވެރިވުމާ އެކު އެންމެން ހިއްސާވާގޮތަށް އެކުންފުނި ހިންގުމަށެވެ.
"މިހެން ކަމުން، ވަގުތީ އަމުރަށް އެދޭ ފަރާތުން ހުށަހަޅާފައިވާ މައްސަލާގައި ކޯޓުން ފައިސަލާ ކުރަނިވި ހުކުމެއް ކުރަން ދެން ނުވަތަ ކޯޓުން ވަކި ގޮތެއް އަންގަންދެން ކުންފުނީގެ ދަށުން ކުރަމުން އަންނަ ވިޔަފާރިތައް، ކުންފުނީގެ ބޯޑުން ނިންމާފައިވާ ނިންމުންތަކާ އެއްގޮތަށް ކުރުމަށާއި އަދި ކުންފުނީގެ ވިޔަފާރިތައް ހިންގުމުގައި ކުންފުނީގެ ހިއްސާދާރުންގެ ބައިވެރިވުން އޮންނާނެ ގޮތެއްގެ މައްޗަށް ވިޔަފާރިތައް ހިންގަމުން ގެންދިއުމަށް ގްލޭމް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށާއި ހ. އަޒުމު ފާތިމަތު ނަދާ އަށް އަންގައި އަމުރުކޮށްފީމެވެ." ކޯޓު ހުކުމުގައިވެ އެވެ.
ގްލޭމް ސެލޫންއަކީ އާންމުންގެ މެދުގައި މަޝްހޫރުވެފައިވާ މޭކަޕާ ރީތިވުމަށް ބޭނުންވާ ހިދުމަތާއި ވަސީލަތްތައް ފޯރުކޮށްދެމުން އަންނަ ސެލޫން އެކެވެ.