12 Oct 2016, 17:27
މާލޭ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން، ބާކީވާ ކަރުދާސް ރިސައިކަލް ކުރުމުގެ ފުރަތަމަ ބުރުގައި 30 ޓަނުގެ ކަރުދާސް ރާއްޖޭން ބޭރަށް އެކްސްޕޯޓް ކޮށްފި އެވެ.
ވެމްކޯއިން ކުރިއަށްގެންދާ "ފެހި މާދަން" މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ އެ މަސައްކަތުގެ މައުލޫމާތު "ސަން" އަށް ދެއްވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު ވިދާޅުވީ، ކުނީގެ ގޮތުގައި ތިން ލެވެލް އެއްގެ އުކާލާ ކަރުދާސް ވެމްކޯއަށް ނަގަމުންދާ ކަމަށެވެ.
އެގޮތުން، އެއްބަސްވުން ގާއިމްކޮށްފައިވާ ބައެއް ޕްރިންޓް އެންޑް ޕަބްލިޝާސް ތަންތަނުން އުކާލާ ކަރުދާހާއި ކަޓް ޕީސާސްގެ އިތުރުން ކާޑުބޯޑު ފޮށިތައްނަގާ ތިލަފުށީގައި ރައްކާ ކުރާ ކަމަށާއި އޭގެ ތެރެއިން ނަގާ ބައެއް ކާޑުބޯޑު ފޮށިތައް އަލުން ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުން އެ ބޭނުންވާ ފަރާތްތަކަށް ވިއްކާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން، މިއަދު އެޑިއުކޭޝަން މިނިސްޓްރީއާއެކު ގާއިމްކުރި އެއްބަސްވުމުގެ ދަށުން މައިގަޑު ހަތަރު ކަމެއްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އެޑިއުކޭޝަން މިނިސްޓްރީގެ ގުދަނުގައި ހުރި ބޭނުންނުކުރެވޭ ހާލަތުގައި ހުރި ފޮތްތަކާއި، ދުވަހުން ދުވަހަށް ސްކޫލް މާހައުލުން އުކާލާ ކަރުދާހާއި، ދިރާސީ އަހަރު ނިމުމުން ސްކޫލްކުދިން އުކާލާ ފޮތްތަށް ނަގައި ރީސައިކަލްކުރުމެވެ.
އަދި ކުރިއަށް އޮތް ތަނުގައި އޮފީސްތަކުގައި ވެސް ޑަސްބިން ބަހައްޓައިގެން އެތަންތަނުން އުކާލާ ކަރުދާސް ނަގައި ރިސައިކަލް ކުރާނެ ކަމަށް ވެމްކޯއިން ބުންޏެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ފުއާދު ވިދާޅުވީ، އެ ކުންފުންޏަށް ނަގާ ބާކީވެ އުކާލާ ކަރުދާސް ތިލަފުއްޓަށް އެއްކޮށް ޖަމާކުރުމަށްފަހު ރާއްޖޭން ބޭރަށް އެކްސްޕޯޓް ކުރަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާ ތެރޭގައި 30 ޓަނުގެ ކަރުދާސް އިންޑިއާއަށް އެކްސްޕޯޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެގޮތަށް ރީސައިކަލް ކުރުމަކީ ކުނިމެނޭޖް ކުރުމަށް ބޭނުންކުރާ އެއްމެ ޒަމާނީ ގޮތްކަމަށާއި އެކަމުގެ ސަބަބުން ތިމާވެށި ސަލާމަތްކުރެވި، މިހާރުން މިހާރަށްވެސް ތިލަފުށީގައި ކުނި އަންދާ ނިސްބަތް މަދުކުރެވި އަދި ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖްކުރުމަށް ބާރު ލިބިގެންދާ ކަމަށެވެ.
"އަޅުނގަޑުމެން އިންޑިއާގެ ކުންފުންޏަކަށް އެކްސްޕޯޓް މިކުރަނީ، މި ކަރުދާސް ރީސައިކަލް ކުރަން. އެގިލައްވާތޯ ކޮންމެ ޓަނެއްގެ ކަރުދާސް ހަދަން ގާތްގަނޑަކަށް 17 ގަހާއި ހަތަރު ލައްކަ ލީޓަރުގެ ފެން ބޭނުންވޭ. އެމިންގަޑުން ބަލައިފިނަމަ 30 ޓަނު ކަރުދާހުން އެ ސަލާމަތްކުރެވުނީ 510 ގަސް، ހަމަ އެއާއެކު ރީސައިކަލް ކުރުމަށް އެކްސްޕޯޓްކުރުމުން ކޯޕަރޭޝަންއަށް ވެސް އާމްދަނީއެއް ލިބި މިމަސައްކަތުން ސީދާ ނަފާވުމަކީ ދެމެހެއްޓެނިވި ގޮތުގައި މިކަންކުރެވޭނެ މޮޑެލްއަކީ. މިއީކަމުގެ ހެއްކެއް،" ފުއާދު ވިދާޅުވި އެވެ.
މީގެ ކުރިން އުވާލަން ނިންމާފައިވާ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ މަސައްކަތްތައް އަލުން ފަށައިގަނެ، މާލެ ސަރަހައްދުގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް އެ ކުންފުންޏާ ސަރުކާރުން ހަވާލުކުރީ މިއަހަރުގެ ކުރީކޮޅު އެވެ.