މިދިޔަ ޖުލައި މަހުގެ 19ވަނަ ދުވަހުގެ ރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުން ދޫކޮށް ކައުންސިލުގައި ހިމެނޭ ގިނަ މެމްބަރުން ނުކުމެވަޑައިގަތީ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިޒުނަ ލިބިވަޑައިގަތުމުން ކަމަށާއި އެހެންކަމުން ޕާޓީގެ ރައީސްގެ އަރިހުން އެކަމަށް މާފަށް އެދިވަޑައިގަންނަވަން ނުޖެހޭނެ ކަމަށް އެޕާޓީގެ ޕީޖީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

މުލީއާގޭގައި މިއަދު ރައީސް އަބްދުﷲ ޔާމީނާއެކު ޕީޕީއެމް ޕީޖީ ގުރޫޕުން ބޭއްވި ބައްދަލުކުރެއްވުމަށްފަހު ނުކުމެވަޑައިގަތުމުން "ސަން"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނިހާނު ވިދާޅުވީ، ޖުލައި މަހުގެ ތެރޭގައި ޕީޕީއެމުން ބޭއްވި ކައުންސިލް ބައްދަލުވުމުގައި، މާފަށް އެދެންޖެހޭ ވަރުގެ ކަމެއް ހިނގާފައި ނުވާ ކަމަށެވެ.

"ބައްދަލުވުން ރައީސް މައުމޫން ފެއްޓެވުމަށްފަހު އޭގެ 40 މިނެޓު ފަހުން ކައުންސިލުގައި ހިމެނޭ އާންމު މެމްބަރަކު ވާހަކަދެއްކެވުމަށް ފުރުސަތު ދެއްވީވެސް. ރައީސް މައުމޫން އެރޭގެ ކައުންސިލް ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އެ ބައްދަލުވުން އެމަނިކުފާނު ބޭއްވެވީ ޕީޖީ ގުރޫޕުން އެދިގެން ނޫން ކަމަށް. އެ ބައްދަލުވުމުގެ ޔައުމިއްޔާ ބައްލަވާ ލެއްވީމަ އެނގޭނެ. އެކަމަކުވެސް ރައީސް މައުމޫން ވިދާޅުވީ ތިމަންނާ ހުށަހެޅި އިސްލާހީ އެޖެންޑާއާގެން ކުރިއަށް ދިއުމަށްޓަކައޭ މި ބައްދަލުވުން ބޭއްވީ،" ނިހާނު ވިދާޅުވި އެވެ.

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގައި ވިލިމާލެ ދާއިރާ ވެސް ތަމްސީލު ކުރައްވާ މެމްބަރު ނިހާނު ވިދާޅުވީ އެރޭގެ ކައުންސިލް ބައްދަލުވުމުގައި ރައީސް މައުމޫން ދައްކަވަން ބޭނުންފުޅުވި ވާހަކަފުޅުތައް ދައްކަވައި ނިންމާލެއްވުމުން ކައުންސިލުގައި ވާހަކަފުޅުދެއްކެވި އާންމު މެމްބަރަކީ އޭނާ ކަމަށެވެ. އަދި އޭނާ ވާހަކަދެއްކެވީ ޕާޓީގެ ޕީޖީ ގުރޫޕުގެ ލީޑަރުގެވެސް ހައިސިއްޔަތުން ކަމަށް ނިހާނު ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން ރައީސޭ {ރައީސް މައުމޫން} ރައީސްގެ ވާހަކަފުޅުތަކަށް ވަރަށް އިހުތިރާމާއި އެކު ދަންނަވަމޭ، މި ކައުންސިލުގައި ހިމެނިވަޑައިގެންނެވި ނަމަވެސް މި ކައުންސިލުގައި ތިއްބަވަން ނުޖެހޭ ދެ ބޭފުޅަކު ވަޑައިގެން ތިއްބެވީމަ އަޅުގަނޑުމެންނަކަށް ނެތޭ މި ބައްދަލުވުމުގައި މި ވާހަކައާގެން ކުރިއަށް ދެވޭކަށް. އެގޮތުން މަނިކުފާނު އިޒުނަ ދެއްވައިފި ނަމަ އަޅުގަނޑުމެންނަށް މިބައްދަލުވުން ވަކިވެވަޑައިގަތުމޭ އެދެނީ. އަޅުގަނޑު އެދެނީ އަޅުގަނޑާ އެކު ޕީޖީ ގުރޫޕުގައި ހިމެނޭ މެމްބަރުންވެސް ވަޑައިގަތުމޭ. އެގޮތުން ބައެއް މެމްބަރުން ވެސް ނުކުމެވަޑައިގަތް. އެހެންވީމަ އެ ބައްދަލުކުރެއްވުން ދޫކޮށް ދިޔައީ ރައީސް މައުމޫންގެ އިޒުނަވެސް ހޯއްދަވައިގެން،" ނިހާނު ވިދާޅުވި އެވެ.

ނިހާނު ވިދާޅުވީ، އެ ބައްދަލުކުރެއްވުން ދޫކޮށް ނުކުމެވަޑައިގަތީ ރައީސް މައުމޫނަށް "އިހުތިރާމު" ކުރެއްވުމުގެ ގޮތުން ކަމަށެވެ. އަދި ވިދާޅުވީ، އިހުތިރާމު ކުރުމުގެ ގޮތުން ނުކުމެވަޑައިގެންނެވި ބައްދަލުވުމަކަށް މާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ. އޭނާ ވިދާޅުވީ، އެ ބައްދަލުވުމުގައި ރައީސް މައުމޫނަށް "ކުޑައިމިސް ބަހެއް" ވިދާޅުވެފައި ނުވާނެ ކަމަށެވެ.

ނިހާނު އެހެން ވިދާޅުވިއިރު ޕީޕީއެމްގެ ކައުންސިލް މެމްބަރުން ތިއްބަވާ ވައިބާ ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައި ރައީސް މައުމޫން ވިދާޅުވެފައި ވަނީ، ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ދެން ބޭއްވޭނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އެޕާޓީން ބޭއްވި ކައުންސިލް ބައްދަލުވުން ދޫކުރައްވައި ނުކުމެވަޑައިގެންނެވި މެމްބަރުން ޕާޓީގެ ރައީސްގެ އަރިހުން މާފަށް އެދިވަޑައިިގަތުމުން ކަމަށެވެ.

ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއުއާއި މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ވަނީ ރައީސް މައުމޫންގެ އަރިހުން މާފަށް އެދިވަޑައިގެންފައެވެ. އެ ދެ ބޭފުޅުން މާފަށް އެދިވަޑައިގަތީ ޕީޕީއެމް ކައުންސިލް މެމްބަރުން ތިއްބަވާ ވައިބާ ގުރޫޕެއްގައެވެ.

އަސްމާ އަދި ސުޖާ ފޮނުއްވި މެސެޖުގައި، ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު އަމަލެއް ނުވަތަ ކަމެއް އެ ދެ ބޭފުޅުންގެ ފަރާތުން ކުރެވިފައިވާ ނަމަ މާފުކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.