12 Oct 2016, 16:40
ކޮލަމްބޯ(އޮކްޓޯބަރު 12): ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމަލް ރާޖަޕަކްސަ ހައްޔަރުކުރި ފައިނޭންޝިއަލް ކްރައިމްސް އިންވެސްޓިގޭޝަންސް ޑިވިޝަން (އެފްސީއައިޑީ)އާ ދެކޮޅަށް ނަމަލް ދައުވާ ކޮށްފި އެވެ.
ނަމަލްގެ ފަރާތުން އޭނާގެ އެޓާނީ އަތުލާ ޑި ސިލްވާ އެފްސީއައިޑީއާ ދެކޮޅަށް އިއްޔެ ކޮލަމްބޯ ޑިސްޓްރިކްޓު ކޯޓުގައި ދައުވާ ކުރެއްވީ، ހިޔާނާތުގެ މައްސަލައެއްގައި ދެފަހަރެއްގެ މަތިން އޭނާ ހައްޔަރުކޮށް، ނަމަލްގެ އަބުރަށް ހުތުރުވާ ގޮތަށް އަމަލު ކުރުމުންނެވެ.
ކޯޓަށް ހުށަހެޅި ދައުވާގައިވާ ގޮތުން ނަމަލްއާ ދެކޮޅަށް ކޮށްފައިވާ ދައުވާތަކާ ގުޅިގެން އެފްސީއައިޑީން އޭނާ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށެވެ. އެހެންކަމުން އޭގެ ބަދަލުގެ ގޮތުގައި އެފްސީއައިޑީން 200 މިލިއަން ރުޕީސް ދިނުމަށް ދައުވާގައިވެ އެވެ.
މިދިޔަ ޖުލައި މަހު ނަމަލް ފުރަތަމަ ހައްޔަރު ކުރީ ލަންކާގައި ރަގްބީ މުބާރާތެއް ސްޕޮންސާ ކުރުމަށް އިންޑިއާގެ ކްރިޝް ކުންފުނިން ދިން 70 މިލިއަން ރުޕީސް (ފަސް ލައްކަ ވަރު ޑޮލަރު) އަމިއްލަ ބޭނުމަށް ބޭނުން ކުރި ކަމުގެ ތުހުމަތުގައެވެ.
އޭގެ ފަހުން އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ފަހު އަނެއްކާވެސް ހައްޔަރު ކުރީ ނަމަލްގެ ކުންފުންޏެއް ކަމަށްވާ ގަވާސް ކޮމްޕެނީން އަމިއްލަ ކުންފުންޏެއް ކަމަށްވާ ހެލޯ ކޯޕްސްގެ ހިއްސާތައް ގަތް ގޮތާ ގުޅިގެން ހިޔާނާތުގެ ތުހުމަތުގައެވެ.