12 Oct 2016, 17:15
އެމްސްޓަރޑަމް (އޮކްޓޯބަރ 12) : ހޮލެންޑްގެ ބޮޑުވަޒީރު މާކް ރުޓް، އެގައުމުގެ މުސްލިމުންނަށް ހަރުކަށި އިންޒާރެއް ދެއްވައިފި އެވެ.
ހޮލެންޑްގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ރުޓް ވިދާޅުވީ ހޮލެންޑްގެ މުސްލިމުންނަށް އޮތީ އެ ގައުމުގެ އެހެން ރައްޔިތުންނެކޭ އެއްގޮތަށް ހޮލެންޑްގެ އަދަކާދަތަކާއި ސަގާފަތާއެއްގޮތަށް އެގައުމުން ދިރުއުޅުމެވެ. ނޫނީ ގައުމު ދޫކޮށް ދިޔުމެއެވެ. މިއީ ހޮލެންޑުން ގަބޫލުކުރާ ޑިމޮކްރެޓިކް އުސޫލުތަކާ ވެސް މުޅިން ފުށުއަރާ ހަރުކަށި ބަޔާނެއް ކަމަށް އެގައުމުގެ އެތެރޭގައި ދަނީ ސިފަކުރެވެމުންނެވެ.
ރުޓް ވިދާޅުވި ހޮލެންޑްގެ ގާނޫނު އަސާސީގައި އެގަމުގެ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަ ފުރްސަތުތަކެއް ދީފައިވާ ކަމަށާއި އެ ފުރްސަތުތަކާ އެކު މުސްލިމުންނަށް އޮތީ ހޮލެންޑްގެ ވެލިއުތަކާ އެއްގޮތަށް އެގައުމުގައި ދިރިއުޅުންކަމުގަ އެވެ. ނަމަވެސް މުސްލިމުންގެ "ދިނީ ގޮތްތައް" ހޮލެންޑްގައި ފަތުރައި ހޮލެންޑްގެ އާދަކާދައާއި ސަގާފަތާ ކުޅުމުގެ ފުރްސަތު ނުދޭކަމަށް ވިދާޅުވެ ނަފްރަތުގެ ރާގަކުން ރުޓް މުސްލިމުންނާ މުޚާތަބު ކުރެއްވި އެވެ.
ހޮލެންޑްގެ ގާނޫނު އަސާސީގައި ވެސް އަދި އެގައުމުން ޕްރެކްޓިސް ކުރާ ޑިމޮކްރެޓިކް އުސޫލުތަކުގައި ވެސް ކޮންމެ ދީނެއްގެ އަދި ކޮންމެ ސަގާފަތެއްގެ ރައްޔިތަކަސް ވިޔަސް އެމީހެއްގެ ދީނާ ސަގާފަތާ އެއްގޮތަށް އެގައުމުގައި ދިރިއުޅުމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވެ އެވެ. އަދި ހޮލެންޑްގައި އުޅޭ އެންމެން އެގައުމުގެ ވެލިޔުތަކާ އެއްގޮތަކަށް އުޅުން ލާޒިމްކޮށްފައެއް ނުވެ އެވެ.
ރުޓް،ގެ މިވާހަކަތަކަށް އެގައުމުގެ މުސްލިމުންވަނީ ދެކޮޅު ހަދާފަ އެވެ. އަދި ހޮލެންޑްގެ އެހެން ބައެއް ފަރާތްތަކުން ވެސް ވަނީ ފާޑުކިޔައިފަ އެވެ. ހޮލެންޑްގެ މުސްލިމުންގެ ތެރޭގައި ގިނައީ ތުރުކީވިލާތާއި މޮރޮކޯ (މަޣްރިބް) ދަރިކޮޅުގެ މީހުންނެވެ. ހޮލެންޑްގައި މުސްލިމުންނާމެދު ތަފާތުކުރާ ކަމުގެ ޝަކުވާ އެގައުމުގެ ރައްޔިތުން ކުރަމުންގެންދެ އެވެ. ހޮލެންޑްގެ ބޮޑުވަޒީރު މާކް ރުޓް އަކީ ޕިޕަލްސް ލެބެރަލް ޕާޓީގެ ބޭފުޅެކެވެ. މިޕާޓީއާ އެންމެ ގާތުން ވާދަކުރަނީ މުސްލިމުންނާ އަދި އެގައުމަށް ހިޖްރަކުރާ ރެފިއުޖީންނާވެސް އިދިކޮޅު ހަރުކަށި ބޭފުޅެއްކަމަށްވާ ކައިރަތު ފިލްޑަޒް ޕާޓީއެވެ.
ހޮލެންޑްގެ އާބާދީއަކީ 17 މިލިޔަނެވެ. މީގެތެރެއިން މުސްލިމުންގެ އަދަދު މިލިޔަނަކަށް ވުރެ މަދެވެ. ހޮލެންޑަށް ދާދިފަހުން ހިޖްރަކުރި މުސްލިމް ރެފިއުޖީންނާއެކު އެގައުމުގެ މުސްލިމް އާބާދީ މިލިޔަނަކަށް އަރާކަމަށްވެ އެވެ. ޕޮލެންޑްގައި ޕާލަމެންޓްރީ އިންތިޚާބު ބޭއްވުމަށް ޓަކައި ޕާޓީތަކުން މިހާރު ވަނީ ކޭންޕޭން ފަށައިފަ އެވެ. ބޮޑުވަޒީރު މަކް ރުޓް މުސްލިމުންނާ ދެކޮޅަށް ދެއްވި ބަޔާނަކީ މުސްލިމުންނާ އިދިކޮޅު މީހުންގެ ވޯޓުތައް ހޯދުމުގެ ބޭނުމުގައި ދެއްވި ބަޔާނެއްކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.
ޔޫރަޕްގެ ގިނަ ގައުމުތައް ދަނީ ބައެއް މުސްލިމް އަންހެނުން އަޅާ މޫނު ބުރުގާގެ އިތުރުން މުސްލިމުންގެ ގިނަބަޔަކު އަޅާ އާދައިގެ ބުރުގާ މަނާކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި މުސްލިމުންނާ ޓެރަރިޒަމް އާ ގުޅުވުމަށް ވެސް ޔޫރަޕްގެ ބައެއް ލީޑަރުން ގެންދަވަނީ މަސައްކަތް ކުރަމުންނެވެ. (އަލްޖަޒީރާ)