ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕް (ޕީޖީ) ން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ބައްދަލުކުރައްވައިފި އެވެ.

ރައީސް ޔާމީން ޕީޕީއެމްގެ ޕީޖީ ގުރޫޕާ ބައްދަލުކުރައްވާފައި ވަނީ ޕީޖީ ގުރޫޕުން މިިދޔަ ހަފްތާގެ ތެރޭގައި ބޭއްވި ބައްދަލުވުމެއްގައި ޕީޕީއެމްގެ ތެރޭގައި ހުރި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް، ރައީސް ޔާމީނާ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ފޮނުވި ސިޓީފުޅަކާއި ގުޅިގެން ނެވެ.

ޕީޕީއެމްގެ ޕީޖީން މިއަދު ބުނީ، އެ ސިޓީއަށް އެންމެ ފުރަތަމަވެސް ޖަވާބެއް ދެއްވީ ރައީސް ޔާމީން ކަމަށެވެ. މިއަދުގެ ބައްދަލުވުމުގައި ޕީޕީއެމަށް ނިސްބަތްވާ ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މުލިއާގޭގައި މިއަދު މެންދުރު ފެށި ބައްދަލުވުން ގާތްގަނޑަކަށް ދެގަޑިއިރެއްހާއިރަށް ދިގުދެމިގެން ދިޔައެވެ.

ބައްދަލުކުރެއްވުން ނިންމާލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމް ޕީޖީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވީ، އެ ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި ދެކެވުނީ ޕީޕީއެމްގެ ތެރޭގައި ހުރި މައްސަލަތަކުގެ ވާހަކަތައް ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ގިނަ މައުލޫމާތުތަކެއް ލިބިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

ނިހާނު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެނގިވަޑައިގަންނަވާނެ ޕީޕީއެމްގެ އެތެރޭގެ މަސްލަހަތުތައް ކޮންމެވެސް ވަރަކަށް ގެއްލިފައިވާ ދަނޑިވަޅެއް މި ދަނޑިވަޅަކީ. ޕާޓީގެ އާންމު މެމްބަރުންގެ ކަންބޮޑުވުންތައް ވަރަށް ބޮޑަށް އެބައޮތް. މިކަން ވަރަށް ބޮޑަށް ހައްލުކުރުމަކީ އެބޭފުޅުންގެ ވަރަށް ބޮޑު އެދުމެއް. މިއީކީއެއް އެއްވެސް އިރެއްގައި ހައްލު ނުކުރެވޭނެ ވަރުގެ ކަންތައްތަކެއް ނޫން. އަނެއްހެން ބަލާއިރު އެއް މޭޒަކަށް އައިސް އިށީނދެ ވާހަކަދައްކައިގެން ހައްލު ކުރެވޭނެ ކަންތައްތައް މި ހުންނަނީ،" ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނިހާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޕާޓީގެ ތެރޭގައި ފެކްޝަންތަކެއް އުފެދިފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ، ޕާޓީގެ ރައީސަކީ އަދިވެސް ރައީސް މައުމޫނު ކަމަށާއި ޕާޓީގެ މުސްތަޝާރަކީ ރައީސް ޔާމީނު ކަމަށެވެ. އޭނާ ވިދާޅުވީ، މިއަދު ޕީޖީ ގުރޫޕުން ކުރަމުން އަންނަ މަސައްކަތަކީ، ޕާޓީގެ ގުނަވަންތައް ހުއްޓިފައި އޮތުމުން އެކަން ހައްލު ކުރުމަށް ކުރާ މަސައްކަތް ކަމަށެވެ.

ނިހާނު ވިދާޅުވީ ޕީޖީ ގުރޫޕުން ޕާޓީގެ ރައީސް މައުމޫނަށް ފޮނުއްވި ސިޓީގެ ޖަވާބު އަދި ލިބިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ، ރައީސް މައުމޫނު ޕީޖީ ގުރޫޕާ ބައްދަލުކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންނާ ރައީސް މައުމޫން ބައްދަލުނުކުރައްވައިފި ނަމަ އަޅުގަނޑުމެންނަށް ސާފުކޮށް ބުނެވެން އޮންނާނެ އަދި ސަޕޯޓުކުރާ ފަރާތްތަކަށް ބުނެވެން އޮންނާނެ ރައީސް މައުމޫން ޕާޓީ އިސްލާހު ކުރެއްވުމަށް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަންތައްތަކުގެ ތެރެއިން ބައެއް ކަންކަން ދޫކޮށްލައްވަނީ ކަމަށް،" ނިހާނު ވިދާޅުވި އެވެ.