12 Oct 2016, 15:32
ހެލްތު މިނިސްޓްރީގެ ފްރޮންޓް އޮފީސް ތަރައްގީ ކުރުމަށް ޗައިނާ ސަރުކާރުން 80،000 ޑޮލަރުގެ އެހީއެއް ވެދީފިއެވެ.
އެ އެހީ މިނިސްޓްރީއާ ހަވާލުކުރުމަށް މިއަދުވަނީ ހެލްތު މިނިސްޓްރީގައި ރަސްމިއްޔާތެއް ބާއްވާފައެވެ. ޗައިނާ ސަރުކާރުގެ ފަރާތުން އެ ފައިސާ ހަވާލުކޮށްދެއްވީ، ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ އެމްބެސެޑަރު ވާންގ ފޫކަން އެެވެ. އެ ފައިސާގެ އެހީއާ ހެލްތު މިނިސްޓްރީގެ ފަރާތުން ހަވާލުވެލެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޗައިނާގެ ސަރުކާރުން ވަރަށް ގިނަ އެހީތަކެއް ރާއްޖޭގެ ސިއްހީ ދާއިރާއަށް ވެދީފައިވާ ކަމަށާއި، މިއަދު ދިން އެހީގެ ސަބަބުން ހެލްތު މިނިސްޓްރީއަށް ހިދުމަތް ހޯދުމަށް އަންނަ އާންމުންނަށް ރަނގަޅު އަދި އަވަސް ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.
"މިނިސްޓްރީއަށް ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް މިހާރަށްވުރެ ރަނގަޅު ބާރު ސްޕީޑެއްގައި ހިދުމަތް ފޯރުކޮށްދެވޭނެ. އަދި ފްރޮންޓު އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް އެކަށީގެންވާ މާހައުލެއް ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިިސްޓަރުގެ ވާހަކަފުޅުގައި، 2015 ވަނަ އަހަރު ހުޅުމާލެ ހޮސްޕިޓަލުގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، އައި ކޭމްޕެއް ބާއްވާފައިވާ ކަމަށާއި، އެ ކޭމްޕުގައި ބޭނުންކުރި 370،000 ޑޮލަރުގެ އަގުހުރި އިކިއިޕްމެންޓްތައް ޗައިނާގެ ސަރުކާރުން ހެލްތު މިނިސްޓްރީއަށް ހަދިޔާކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ އެމްބެސެޑަރު ވާންގ ފޫކަން ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް އަބަދުވެސް ޗައިނާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
ފްރޮންޓް އޮފީސް ތަރައްގީ ކުރުމުގެ މަސައްކަތަށް ގާތްގަނޑަކަށް ތިން މަސް ދުވަސް ހޭދަވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.