12 Oct 2016, 15:17
ހުޅުމާލޭ ފުލެޓުތަކުގައި ގަވައިދާ ހިލާފަށް ބޭނުންކޮށްފައިވާ ޖާގަތައް ހުސްކުރުމަށް ދެ މަސް ދުވަހުގެ މުއްދަތެއްދީފިއެވެ.
ހުޅުމާލޭގެ ފުލެޓުތަކުގެ ތިރީގައިވާ ހުސް ޖާގަ، އެ ފުލެޓުތަކުގައި ދިރިއުޅޭ އެންމެން ބޭނުން ކުރުމަށް ހާއްސަކޮށްފައި ވީނަމަވެސް އެތަންތަން ހިޔާކޮށް ކުއްޔަށް ދިނުންފަދަ ކަންކަން ކުރެއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ފުލެޓުގެ ހުސްޖާގަ ނުގަވައިދުން ބޭނުންކުރުމާއި އިމާރާތްތަކަށް ގެއްލުންވާނެހެން ފުލެޓްތައް ކައިރީގައި އިންދާފައިހުރި ގަސްތައް ދެ މަސް ތެރޭގައި ނެގުމަށް އަންގާ ކަމަށެވެ.
އެމުއްދަތުގެ ތެރޭގައި އެތަކެތި ނުނަގައިފިނަމަ އެޗްޑީސީން އެތަކެތި ނަގާނެ ކަމަށާއި ލިބިދާނެ ގެއްލުމަކަށް ޒިންމާ ނުނެވޭނެ ކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުނިސިޕަލް ޑިރެކްޓަރު އިސްމާއިލް ޝާން ރަޝީދު ވިދާޅުވީ، އެ ޖާގަތައް ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ ބޮޑު ކަމަށާއި އެކަމުގެ ސަބަބުން ފްލެޓުތަކުގެ މަރާމާތަށް ވެސް ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ.
"މިގޮތަށް ތަންތަން ހަދާފައި ހުންނާތީ ފްލެޓުތަކުގެ މަތީގައި ތިބޭ ފަރާތްތަކަށް ކަމެއް ދިމާވިޔަސް އަޅުގަނޑުމެން މެއިންޓެނަންސް ޓީމަކަށް އެކްސަސް ނުވެވޭ. މިއީ ވަރަށް ބޮޑު ދައްޗެއް،" ޝާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެގޮތަށް އެ ޖާގަތައް ބޭނުންކުރާތީ އަލިފާނުގެ ހާދިސާއެއް ކުރިމަތިވިޔަސް ނުރައްކާތެރިކަން ބޮޑުވެގެންދާނެ ކަމަށެވެ.
ފުލެޓުތަކުގެ ޖާގަ ނުގަވައިދުން ބޭނުންކުރާތީ ފިޔަވަޅު އަޅާއިރު ހުޅުމާލޭ ގޮނޑުދޮށްތަކުގައި ގަވައިދާ ހިލާފަށް ގޮޮނޑި މޭޒު ޖަހައި ވިޔަފާރި ކުރުމަކީވެސް ވަރަށް އާންމު ކަމެކެވެ.