ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓްކުރަން މިހާރަށް ވުރެ ރަނގަޅު ދުވަސްވަރެއް ފެނިފައި ނުވާކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާއެއްގައި މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި، ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ އިންވެސްޓަރުން އިންވެސްޓްކުރަން "އިންވެސްޓާ ފްރެންޑްލީ" މާހައުލެއް ދިވެހިރާއްޖޭގައި ގާއިމްކޮށްދެއްވާފައިވާ ކަމަށެވެ.

އަދި މިއަދު ރާއްޖޭން ބޭރުގެ އިންވެސްޓަރުންނަށް ވެސް އިތުބާރާއި ޔަގީންކަމާ އެކު ރާއްޖޭގައި އިންވެސްޓްކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ފާއިތުވި ދެއަހަރު ރާއްޖޭގެ އިންވެސްޓްމެންޓް ދާއިރާއަށް ބޭރުގެ ފަރާތްތައް އިންވެސްޓްކޮށްގެން ހިންގާ އަމިއްލަ ގިނަ ޕްރޮޖެކްޓްތަކަކަށް ވެސް އިންވެސްޓްކުރާކަން އެއީ ރާއްޖެއާ މެދު ބޭރުގެ ފަރާތްތަކުގެ މެދުގައި އޮންނަ އިތުބާރު ޔަގީންވެގެންދާ ކަމެއް. މީގެކުރިން ދުވަހަކުވެސް ނުކުރާ ވަރަށް ބޭރުގެ އިންވެސްޓަރުން މިހާރު ރާއްޖެއަށް އިތުބާރުކުރޭ،" މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކޮށް ފުޅާކުރަން މިހާރުގެ ސަރުކާރުން އަދަދު ނުކުރެވޭ މަސައްކަތްތަކެއް ކުރާ ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަކީ ރައީސް ޔާމީންގެ އިގްތިސާދީ ތަރައްގީގެ އެޖެންޑާގެ އެންމެ މައި އަސާސް ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ސަރުކާރުން ކުރަމުންގެންދާ ބައެއް މަސައްކަތްތަކަށް ވެސް އަލި އަޅުވައިލެއްވި އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ހުޅުވާ ރިސޯޓްތަކުގެ އަދަދު ގިނަވަމުން އަންނަ އިރު، ގައުމީ މައި ދޮރާށި، އިބްރާހިމް އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެންނާނެ މަޝްރޫއަކަށް ވެގެންދާނެ ކަމަށެވެ.

"އެއާޕޯޓް ނިމުމުން، 7.5 މިލިއަން ދަތުރުވެރިންނަށް އެއާޕޯޓުން ހިދުމަތް ފޯރުކޮށްދެވޭނެ، އޭގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށްޓަކައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ދެ ފޯރަމެއް ވެސް މިވަނީ ބާއްވާފަ. އެ ދެ ފޯރަމަކީ ވެސް ވަރަށް ގިނަ ކަންތައްތަކެއް ނިންމިގެންދިޔަ ވަރަށް ކާމިޔާބު ދެ ފޯރަމް،" ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.