12 Oct 2016, 13:48
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ކަމުގެ މަގާމަށް އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް ކުރިމަތިލައްވައިފި އެވެ.
އެފްއޭއެމްގެ ރައީސް ކަމުގެ މަގާމަށް ބައްސާމް ކުރިމަތިލެއްވި އިރު، އެ އެސޯސިއޭޝަންގެ އިންތިހާބު ކުރިއަށް ގެންދާނީ އޭނާގެ ބެލުމުގެ ދަށުންނެވެ.
މިދިޔަ މެއި މަހު ބޭއްވި އެފްއޭއެމްގެ އިންތިހާބަކީ ވެސް ބައްސާމްގެ ބެލުމުގެ ދަށުން ބޭއްވުނު އިންތިހާބެކެވެ. އެ އިންތިހާބު ޓޮމް އަށް ކާމިޔާބުވުމާއެކު އޭނާ ވަނީ އޭރު ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންގެ ކަމުގެ މަގާމުގައި ހުންނެވި ބައްސާމް ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ހަމަޖައްސައިފަ އެވެ.
އެފްއޭއެމްގެ އެކްޒެކެޓިވް ކޮމިޓީގެ ތެރޭގައި މައްސަލަ ބޮޑުވެގެންދިޔައީ މިދިޔަ މަހު ޖެނެރަލް ސެކްރެޓަރީގެ މަގާމުން ބައްސާމް ވަކިކުރުމާ ގުޅިގެންނެވެ. އެ މައްސަލައާއެކު އެފްއޭއެމްގެ އެކްސްކޯ އަށް ޓޮމް އައްޔަންކުރި ފަސް މެންބަރުން އިސްތިއުފާ ދިނުމުން ރައީސްކަމުގެ މަގާމު ޓޮމް އަށް ގެއްލި، އަލުން އިންތިހާބު ބާއްވަން ޖެހުނެވެ.
އެފްއޭއެމްގެ ރައީސްކަމުގެ މަގާމު ޓޮމް އަށް ގެއްލުނީ އެކްސްކޯގައި ހިމެނޭ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަސްއަދު އަބްދުލް ޣަނީ އާއި ގައުމީ ޓީމުގެ ކުރީގެ ފިޒީޝަން އަހުމަދު ޝަކީބާއި ނިއު ރޭޑިއަންޓްގެ ބޯޑް މެމްބަރު އައިޝަތު ނާޒިމާ މުހައްމަދު އީސާގެ އިތުރުން ނައިބު ރައީސް އަލީ އުމަރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ބައްސާމް މަގާމުން ވަކިކުރި ކަމުގެ މައްސަލަ ފީފާ އަށް ވެސް ހުށަހެޅިގެންދިޔަ އެވެ. ބައްސާމް މަގާމުން ވަކިކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، ފީފާ އިން އެފްއޭއެމް އަށް އަންގާފައިވަނީ އަލުން ބައްސާމް އަށް މަގާމު ދިނުމަށެވެ.
އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި، އިންތިހާބު ބާއްވާނެ ތާރީހެއް އެ އެސޯސިއޭޝަނުން އިއުލާންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި އެފްއޭއެމް އިން ނިންމާފައިވަނީ އަންނަ މަހުގެ 20 ވަނަ ދުވަހު އެވެ. އެފްއޭއެމްގެ އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ހަމަވާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.