12 Oct 2016, 14:10
ސިޔާސީ ޕާޓީތަކުން ބައެއް ކަންކަން އިސްލާހު ކުރުމަށް ހުށަހަޅައި ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން ދޭން ޖެހޭ ފައިސާ ދިނުން ފަސްކޮށްލައިފި އެވެ.
އިލެކްޝަނަސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ބައެއް ޕާޓީތަކުން ގާނޫނާ ގަވާއިދާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށެވެ. އެހެންކަމުން އެކަންކަން އިސްލާހު ކުރަންދެން ވަކި މުއްދަތެއް ނެތް ގޮތަށް ޕާޓީތަކަށް ފައިސާ ދިނުން އިލެކްޝަންސް ކޮމިޝަނުން ވަނީ ފަސްކޮށްފައެވެ.
އިލެކްޝަނުން ފޮނުވި ސިޓީގައި، ބައެއް ސިޔާސީ ޕާޓީތަކުން ޕާޓީގެ އިސް މަގާމުގައި ހުންނަ ޖެހޭ ފަރާތެއް ނެތި ގިނަ ދުވަސްތަކެއް ވެފައިވާއިރުވެސް އެމަގާމަށް ބޭފުޅަކު އައްޔަން ކޮށްފައި ނުވާކަން ފާހަގަކޮށްފައި ވެއެވެ.
އެހެންވުމުގެ ސަބަބުން ޕާޓީތަކުން ފައިސާ ހަރަދު ކުރާގޮތް އިސްވެ ބަލާނެ ފަރާތެއް ނެތި އެކަންކަމުގެ ޝަކުވާ ޕާޓީގެ އަމިއްލަ މެމްބަރުން ކުރަމުންދާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
އޭގެއިތުރުން ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އިންތިހާބީ މަގާމުތަކަށް އަމިއްލަޔަށް އެކި ފަރާތްތައް އައްޔަން ކުރުމާއި މަގާމުތަކަށް މީހުން އިންތިހާބު ކުރުމުގައި އޮޅުވާލައި މަކަރު ހަދާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
ބައެއް ޕާޓީތަކުން އެޕާޓީތަކުގެ ކައުންސިލް އިންތިހާބު ބޭއްވިޔަ ނުދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން އެކަންކަން އިސްލާހު ކުރަންދެން ޕާޓީތަކަށް ދޭން ކަނޑައަޅާފައިވާ ފައިސާ ނުދީ ފަސްކުރުމަށް ނިންމާފައިވާކަމަށް އެސިޓީގައި ބުނެފައިވެ އެވެ.
ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ނުދީގެން އަދާލަތު އެމްޑީޕީ އަދި ޕީޕީއެމުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ހުރިހާ ސިޔާސީ ޕާޓީތަކަށް ދޭން ހަމަޖެހިފައިވާ ފައިސާގެ ޖުމްލަ އަދަދު 27 މިލިއަން ރުފިޔާއަށް އަރައެވެ.