މިއަހަރު އެންމެ ބުރަކޮށް މަސައްކަތް ކުރާ ތަރިންގެ ލިސްޓުގެ ކުރީގައި، ބަތަލާ ޝްރައްދާ ކަޕޫރު ހިމެނޭނެ އެވެ. މި އަހަރު ވެސް ދެ ފިލްމެއްގެ މަސައްކަތް ޝްރައްދާ ވަނީ ނިންމާލައިފައެވެ. އަދި ތިން ވަނަ ފިލްމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

ޝްރައްދާ މިހާރު ފަށާފައި ވަނީ ފިލްމު 'ހަސީނާ: ދަ ކުއީން އޮފް މުމްބާއީ'ގެ މަސައްކަތެވެ. އެ ފިލްމަކީ އިންޑިއާގެ ޑޯން ދާވޫދް އިބްރާހިމްގެ އަންހެން ކޮއްކޮ ހަސީނާ ޕާކަރުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ.

އެއީ ޝްރައްދާ ބަޔޮޕިކް އެއްގެ މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. 'ހަސީނާ'ގެ މަސައްކަތް ފަށާފައިވާކަން ހާމަކުރީ ޝްރައްދާ ކުރި ޓުވީޓެއްގައެވެ. އޭނާ ވަނީ ފިލްމުގެ ޝޫޓިން ފެށުމުން ވަރަށް ބޮޑަށް އުފާވެފައި ހުރިކަމަށް ބުނެފައެވެ.

އެ ފިލްމު ޑައިރެކްޓު ކުރަނީ 'ޝޫޓްއައުޓް އެޓް ލޮކަންޑްވާލާ' ވެސް ޑައިރެކްޓް ކުރި އަޕޫރްވާ ލާކިއާ އެވެ. އެ ފިލްމުގައި ދައްކުވައިދޭނީ ހަސީނާ ޕާކަރުގެ އުމުރުން 17 އަހަރާއި 40 އަހަރާއި ދެމެދު ހިނގާފައިވާ ހާދިސާތަކެވެ.

ފިލްމުގައި ދާވޫދްގެ ރޯލުން ފެނިގެންދާނީ ޝްރައްދާގެ ބޭބެ ސިދާންތު ކަޕޫރެވެ. މިއީ ޝްރައްދާ އާއި ސިދާންތު އެކުގައި ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.

'ހަސީނާ' ގައި ހަސީނާގެ ރޯލު ކުޅުމަށް ފުރަތަމަ ހަމަޖެހުނީ ސޮނާކްޝީ ސިންހާ އެވެ. ނަމަވެސް ސޮނާކްޝީ ވަނީ ފަހުން ފިލްމު ދޫކޮށްލައިފައެވެ.

ފިލްމުގެ އަންހެން ލީޑަކީ ޝްރައްދާކަން ޔަގީންވި ނަމަވެސް، ފިރިހެން ލީޑު އަދި އޮތީ ސިއްރެއްގެ ގޮތުގައެވެ.

ޝްރައްދާ މިހާރު ކުރަމުން އަންނަނީ 'ރޮކް އޮން 2' ރިލީޒް ކުރުމުގެ ކުރިން ކުރަން ޖެހޭ ފަހު މަސައްކަތަކެވެ. އެ ފިލްމު ރިލީޒް ކުރާނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.