08 Jun 2011, 11:59
އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ ބައިލެޓްރަލް އެގްރިމެންޓުގެ ދަށުން 2014 ވަނަ އަހަރުގެ ނިޔަލަށް 100،000 ޓަނުގެ ގޮދަން ފުށާއި، 1.65 މިލިއަން ޓަނުގެ ހިލަ ރާއްޖެ އެކްސްޕޯޓްކުރުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފި އެވެ.
އިންޑިއާ ސަރުކާރުން މުޅިން ހިއްސާވާ ޓްރޭޑް ކުންފުނި، މިނެރަލްސް އެންޑް މެޓަލް ޓްރޭޑިން ކޮމްޕެނީ )އެމްއެމްޓީސީ( އިން ނެރުނު ނޯޓިސްއެއްގައިވާ ގޮތުގައި، ރާއްޖެ އެކްސްޕޯޓް ކުރުމަށް ހުއްދަ ދީފައިވާ އެއް ލައްކަ ޓަނުގެ ގޮދަން ފުށުގެ ތެރެއިން 32،095 ޓަނު އެކްސްޕޯޓް ކުރާނީ 2011-2012 ވަނަ މާލީ އަހަރުގެ ތެރޭގައި އެވެ. އަދި 2012-2013ގެ ނިޔަލަށް 35،304 ޓަނުގެ ގޮދަން ފުށް އަދި 2013-2014 ވަނަ އަހަރުގެ ތެރޭ 38،835 ޓަނުގެ ގޮދަން ފުށް ރާއްޖެ އެކްސްޕޯޓްކުރެވޭނެ ކަމަށް ވެސް އެ ނޯޓިސްގައި ބުނެފައިވެ އެވެ.
ގޮދަން ފުށާއި ގޮދަން ފުށުގެ ބާވަތްތައް އެކްސްޕޯޓްކުރުން އިންޑިއާ ސަރުކާރުން 2007 ވަނަ އަހަރު މަނާކޮށްފައިވާ ނަމަވެސް، ބައެއް ގައުމުތަކާ އެކު އޮންނަ ޑިޕްލޮމެޓިކް ގުޅުމުގެ ދަށުން ކޮންމެވެސް މިންވަރަކަށް އެކްސްޕޯޓް ކުރުމުގެ ހުއްދަ ދީފައިވެ އެވެ.
އެމްއެމްޓީސީގެ ނޯޓިސްގައި ބުނެފައިވާ ގޮތުގައި ފަސް ލައްކަ ޓަނުގެ ހިލަ މި އަހަރު ރާއްޖެ އެކްސްޕޯޓްކުރާއިރު، 2012-2013 ވަނަ މާލީ އަހަރު 550000 ޓަނުގެ ހިލަ އަދި ޖެހިގެން އަންނަ މާލީ އަހަރު ހަ ލައްކަ ޓަނުގެ ހިލަ އެކްސްޓޯކުރެވޭނެ އެވެ.
މީގެ އިތުރުން، 2011-2012 ވަނަ އަހަރުގެ ތެރޭ 1.18 މިލިއަން ޓަނުގެ ހިލަ ވެލި ރާއްޖެ އެކްސްޕޯޓްކުރުމުގެ ހުއްދަ ވެސް ވަނީ ދީފައި އެވެ.