12 Oct 2016, 14:27
ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާބެހޭ މައި އިދާރާ، މޯލްޑިވްސް މީޓިއޮރޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ، މާދަމާ ހެނދުނު 10:00 އާ ހަމައަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު މެދުތެރޭގެ އަތޮޅުތަކަށް، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
އަދި އެހެން ހިސާބުތަކަށް ގަޑިއަކު އަށް މޭލާ 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެ އެވެ.
މެޓް އޮފީހުގެ ޑައިރެކްޓަރު އަހުމަދު ރަޝީދު ވިދާޅުވީ، ރާއްޖޭގެ މެދުތެރޭގެ އަތޮޅުތަކަށް ވައި ގަދަވުމުގެ ސަބަބުން މިއަދު ހަވީރު 5:00 އާ ހަމައަށް އެ ހިސާބަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ގަދަވާނޭ ކަމަށް ވެސް ވިދާޅުވި އެވެ.
މެޓް އޮފީހުން ބުނީ، މެދުތެރޭގެ އަތޮޅުތަކުގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ ކަމަށެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.