މިއަދު ހެނދުނު ހއ. ދިއްދޫ ނެރުމައްޗަށް އެރި "242" ބޯޓު ދިޔަވުން ކޮންޓްރޯލް ކޮށްފި އެވެ.

އެ ބޯޓުގެ ކެޕްޓަން އަހްމަދު ވަހީދު 'ސަން' އަށް މައުލޫމާތު ދެމުން ބުނީ، ބޯޓުގެ ދިޔަވުން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި ބޯޓުގައި ހުރި ހުރިހާ މުދަލެއް ހުސްކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް މުދަލަކަށްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އޭނާ ބުންޏެވެ.

ވަހީދު ބުނީ ބޯޓަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި ބޮޑު މަރާމާތެއް ކުރަން ޖެހޭނެ ކަމަށެވެ.

"ބޮޑު މަރާމާތެއް ކުރަން ޖެހޭނެ. ފަށަނަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައި،" ވަހީދު ބުންޏެވެ.

މިއަދު އެ ބޯޓު ނެރުމައްޗަށް އަރާފައިވަނީ ދަތުރު ނިންމާލުމަށްފަހު މުދާ ހުސްކުރުމަށް ދިއްދޫ ފަޅަށް ވަންނަން އުޅުމުގެ ތެރޭގައެވެ. ދިއްދޫގެ ރައްޔިތުންވަނީ ބޯޓު ސަލާމަތް ކުރުމަށް ބޯޓުގައި ހުރި މުދާތައް ހުސްކުރުމަށްޓަކައި މަސައްކަތްތަކެއް ކޮށްފައެވެ.

ދިއްދޫ ކައުންސިލްގެ މެމްބަރު އިބްރާހީމް ވަހީދު ވިދާޅުވީ، ހާދިސާ ހިނގިއިރު 242 ބޯޓުގައި ތިބީ ހަމަ އެކަނި ފަޅުވެރީން ކަމަށާއި އެއިން އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށެވެ.