ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީއަށް މިފަހަރުގެ ފީފާ ބެލޮންޑިއޯ ލިބެންޖެހޭ ކަމަށް ބްރެޒިލް ފުޓްބޯޅަ ލެޖެންޑް ރޮނާލްޑީނިއޯ ބުނެފި އެވެ.

ބްރެޒިލްއާއެކު 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ރޮނާލްޑީނިއޯ ވަނީ އޭސީ މިލާނާ ގުޅުމުގެ ކުރިން މެސީއާ އެކު ބާސާގައި ދުވަސްތަކެއް ހޭދަކޮށްފައެވެ.

"ހުރިހާ ކުޅުންތެރިން ވެސް ވަރަށް ރަނގަޅު މަސައްކަތެއް ކުރި. ވަކި ކުޅުންތެރިއެއް ނެގުމަކީ ވަރަށް އުނދަގޫކަމެއް. ހަގީގަތަށް ބުނަންޏާ އަހަރެން ބުނާނީ އެވޯޑު ލިބެންޖެހޭނީ މެސީ އަށޭ. މެސީ އުފަލުގައި ހުރުމަކީ އަހަރެން އެދޭ ކަމެއް. އެއީ އަހަރެންނަކީ އޭނާގެ އެކުވެރިއަކަށް ވާތީ،"އޭއެސްއަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑީނިއޯ ބުންޏެވެ.

ރޮނާލްޑީނިއޯ އެހެން ބުނެފައިވާ އިރު މިފަހަރުގެ ބެލޮންޑިއޯ އެވޯޑުގެ ފޭވަރިޓަކީ ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާ ވަނީ ރެއާލް މެޑްރިޑާއެކު މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ޕޯޗުގަލް ގައުމީ ޓީމާއެކު މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ.

ރޮނާލްޑީނިއޯ ބުނީ، ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިންނަކީ އާޖެންޓީނާ ލެޖެންޑް ޑިއޭގޯ މެރަޑޯނާ އާއި ބްރެޒިލް ލެޖެންޑް ޕެލޭ ކަމަށެވެ.