އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ސްކޫލްތަކުގައި ކުނީގެ ގޮތުގައި ބާކީވާ ކަރުދާސް ރިސައިކަލް ކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ވެމްކޯއިން ކުރިއަށްގެންދާ "ފެހި މާދަން" މަޝްރޫއުގެ ދަށުން މާލޭ ސަރަހައްދުގެ ސްކޫލްތަކުން ބާކީވާ ކަރުދާސް ރިސައިކަލް ކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އެވެ. އަދި ވެމްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ސްކޫލްތަކުގައި ބާކީވާ ކަރުދާސް މެނޭޖްކުރުމުގެ މައްސަލައަކީ ސްކޫލްތަކުގައި ދިމާވާ ދަތި އަދި ހައްލު ނުކުރެވި އޮތް ކަމެއް ކަމަށެވެ.

އަދި ދިރާސީ އަހަރެއް ނިމިގެންދާއިރު އިތުރަށް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުންނަ ފޮތްތައް ބަންޑެލި ޖަހާފައި ސްކޫލްތަކުގައި ބެހެއްޓުމުން ދަތިތަކެއް ކުރިމަތިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލްތަކުގައި ދަރިވަރުން ބޭނުންކޮށްފައި ހުންނަ ފޮތްތަކުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ޖުމްލަ 442،506 ފޮތް ބާކީ ވާކަމަށާއި އެއީ އަހަރެއްގެ މައްޗަށް 150.5 ޓަނުގެ ކަރުދާސް ކަމަށް ވެސް ވިދާޅުވި އެވެ.

ސްކޫލްތަކުން ބާކީވާ ކަރުދާސް މެނޭޖްކުރުމަށް ވެމްކޯއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެމްކޯއާއެކު އެޑިއުކޭޝަން މިނިސްޓްރީން މިއަދުވި އެއްބަސްވުމުގެ ފުރަތަމަ ފޭސްގައި، ބާކީވާ ކަރުދާސް ނަގައި މެނޭޖްކުރާނީ މާލޭގެ ސްކޫލްތަކުންނެވެ. އަދި ދެވަނަ ފޭސްގެ ދަށުން ވެމްކޯގެ ހިދުމަތް ދެމުން އަންނަ އަތޮޅުތަކުގެ ސްކޫލްތަކަށް ވެސް ހިދުމަތް ފުޅާކުރާނެ ކަމަށް ވެމްކޯއިން ބުނެ އެވެ.

އެގޮތުން ކޮންމެ ދުވަހަކު ވެސް ސްކޫލްތަކުގައި ކުނީގެ ގޮތުގައި ބާކީވާ ކަރުދާސް ސްކޫލްތަކުގައި ބެހެއްޓިފައި ހުންނަ ޑަސްބިނުން ނަގައި ރިސައިކަލް ކުރާނެ އެވެ. އަދި ރީސައިކަލް ކުރުމާއި ބެހޭގޮތުން ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރިކުރުވާނެ އެވެ.

އޭގެ އިތުރުން އެ މަޝްރޫއު އިތުރަށް ފުޅާކޮށް ކުރިއަށް ގެންދިއުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ސްކޫލްތަކުން ބާކީވާ ޕްލާސްޓިކާއި މެޓަލް ފަދަ ތަކެތި ރީސައިކަލް ކުރުމަށް ވެމްކޯއިން ދަނީ ވިސްނަމުންނެވެ.

ސްކޫލްތަކުން ބާކީވާ ކަރުދާސް މެނޭޖްކުރުމަށް ވެމްކޯއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ ސްކޫލްތަކަށް ހަދިޔާކުރާ ޑަސްޓްބިންތައް ވެސް އެޑިއުކޭޝަން މިނިސްޓްރީއާ ވަނީ ހަވާލުކޮށްފައެވެ.

މާލޭގެ ހުރިހާ ސްކޫލެއްގައި ބެހެއްޓުމަށް ހަދިޔާކުރި އެ ޑަސްބިންތައް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްދެއްވީ، ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާންފޫކާން އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ޑަސްޓްބިންތަކާ ހަވާލުވެލެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.

މީގެ ކުރިން އުވާލަން ނިންމާފައިވާ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ މަސައްކަތްތައް އަލުން ފަށައިގަނެ، މާލެ ސަރަހައްދުގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް އެ ކުންފުންޏާ ސަރުކާރުން ހަވާލުކުރީ މިއަހަރުގެ ކުރީކޮޅު އެވެ.